ބޭސްފަރުވާއަށް މާލެ އައިސް ކުއްޖަކާ ބެހުނު ބޮޑުބޭބެ 15 އަހަރަށް ޖަލަށް

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ބޭސްފަރުވާއަށް މާލެ އައިސް ކުޑަ ކުއްޖަކާ ބެހުނު ބޮޑުބޭބެއެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. ކުއްޖާގެ ވަނަވަރު އެނގިދާނެތީ އެ ރަށުގެ ނަން ވަނީ ސިއްރު ކޮށްފައެވެ. ނަމަވެސް އެ ކޯޓުން ނޮވެމްބަރު 28, 2019 ގައި ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް އުފުލި އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށް ސާބިތުނުވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭނާގެ ދައުވާއިން އެނގޭ ގޮތުގައި ބޮޑުބޭބެ ވަނީ އެކި ދުވަސް މަތިން 15 އަހަރުގެ އެ ކުއްޖާއާ މެދު ޖިންސީ އަމަލު ހިންގާފައެވެ.

އެ މައްސަލަ ފެންމަތިވެފައިވަނީ އޯގަސްޓް 28، 2015 ވަނަ ދުވަހު, ގޭ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ރުޅި އައިސްގެން އެ ކުއްޖާ ގެއިން ނިކުތް ހިސާބުންނެވެ. މަންމަ އާއި ބައްޕަ ކައިރީގައި އުޅެން ބޭނުން ނުވާކަމަށް ބުނެ އެ ކުއްޖާ ގެއިން ނިކުމެފައިވަނީ އެ މީހުންގެ ފަރާތުން ޖިސްމާނީ އަނިޔާ ކުރާ ކަމަށް ބުނެއެވެ.

އެ ހިސާބުން ފުލުހުންގެ އެފްސީޕީޑީން ކުއްޖާ ބެލުމަށް ހަވާލުކުރީ އޭނާގެ މަންމަ ފަރާތުގެ ތިމާގެ މީހަކާއެވެ. ނަމަވެސް މަންމަ ފަރާތު އާއިލާ މީހުން ރަނގަޅު ނުވާނެ ކަމަށާއި އެ މީހުންގެ ފަރާތުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެ ކުއްޖާ ވަނީ ބުނެފައެވެ. އެ ވާހަކަތައް އަޑުއިވުނު މީހަކު ވަނީ ކުއްޖާގެ ބައްޕައަށް ގުޅައި އެކަމުގެ މައުލޫމާތު ދީފައެވެ.

އޭގެ ތިން މަސް ފަހުން މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މަންމަ އާއި ބައްޕައެވެ. އެއީ އެ ކުއްޖާ އަނބުރާ ގެއަށް އައުމުން އެކަމާ ގުޅޭ ގޮތުން އެ ކުއްޖާއާ ވެސް ވާހަކަ ދެއްކުމަށް ފަހުގައެވެ.

ހާދިސާ ހިނގި ގޮތް:

އަނިޔާ ލިބުނު 15 އަހަރުގެ ކުއްޖާ އާއި އޭނާގެ ތިން ކޮއްކޮ އަދި މަންމަ އާއި ބައްޕަ ވެސް އުޅެމުން ދިޔައީ އެއް ކޮޓެރީގެ އެޕާޓްމެންޓެއްގައެވެ. މަންމަ ފަރާތު އާއިލާ މީހުން މާލެ އައިސް އެ ގޭގައި ތިބެއެވެ. ދަތުރުވަރުގައި އަންނަ އާއިލާ މީހުންގެ ތެރެއިން މަންމަ އާއި އެއްބަނޑު އެއްބަފާ ކުދިން, އެ ގޭގައި ނިދަނީ ކޮޓެރީގައެވެ. ނަމަވެސް އޭގެ ތެރެއިން ފިރިމީހާ އާއި ކުއްޖާގެ ބައްޕަ ނިދަނީ ސިޓިންރޫމުގައެވެ.

އެ ކުއްޖާއާ ބެހިފައިވަނީ މަންމަގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ އެކެވެ. އެއީ ފައިގެ އިނގިއްޔެއް ހަލާކުވެގެން ބޭސްފަރުވާއަށް މާލެ އައިސް އެ ގޭގައި ހުރި ފަހަރެއްގައި ކަމަށް އެ ކުއްޖާ ވަނީ ބުނެފައެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ އޯގަސްޓް މަހުގެ ރެއެއްގައި އެ ކުއްޖާއަށް ސިޓިން ރޫމުގައި ނިދިފައޮއްވައި ކުއްލިއަކަށް ހޭލެވުނުއިރު ބޮޑުބޭބެ ހުރީ ދައްކަން ނުޖެހޭ ތަންތަން ދައްކައިގެން ކަމަށާއި އެތަންތަނުގައި އަތްލުމަށް އެދުނު ކަމަށް އެ ކުއްޖާ ބުނެފައިވެއެވެ. ދެން ބޮޑުބޭބެގެ ފަރާތުން ކުރިމަތިވި ކަމަށް ބުނާ ކަންކަން ވަނީ ދައުވާއިން ސިއްރު ކޮށްފައެވެ.

ދައުލަތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރީ ޖަނަވަރީ 29، 2020 ވަނަ ދުވަހުއެވެ. އެ ކޯޓުން އިއްޔެ އެ މައްސަލަ ނިންމާފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލްކޮށް ބޮޑުބޭބެގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެގޮތުން ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް