މިއަހަރުގެ އަޟްޙާ ޢީދުގެ ލައިވް ކަވަރޭޖް ބ. ދަަރަވަންދޫއިން ގެނެސްދިނުމަށް އެސްއެސްޓީވީއިން ދަރަވަންދޫގެ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ސަން ސިޔާމް މީޑިއާގައި ބޭއްވި ރަސްމިއްޔާތަކަށް ފަހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީހު ވިދާޅުވީ މިފަހަރުގެ ޢީދަކީ ވަރަށް ފޯރިގަދަ، ތަފާތު ޢީދަކަށް ވާނެ ކަމަށާއި ޒަމާނުއްސުރެ ވެސް ދަރަވަންދޫއަކީ ރައްޔިތުން ގުޅިގެން ވަރަށް ފޯރީގައި ޢީދު ފާހަގަކުރާ ރަށެއްކަމަށެވެ. އެގޮތުން މިފަހަރުގެ ޢީދުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ދަރަވަންދޫއަށް ޒިޔާރާތްކުރާ މެހެމާނުންނަށް ފޯރިގަދަ، ހިތްހަމަޖެހޭ ޢީދަކަށް ވާނެ ކަމަށް ސަމީހު ވިދާޅުވިއެވެ.
ދަރަވަންދޫއަށް މިފަހަރުގެ ޢީދަށް ދާންވީ ބައިވަރު ސަބަބުތައް އެބަހުރި. އަޅުގަނޑުމެންގެ ރަށަކީ ވަރަށް ހިތްހެޔޮ، އެކުވެރި ބަޔަކު ދިރިއުޅޭ ރަށަކަށް ވުމުގެ އިތުރުން ފޫހިވެގެން ހުންނާކަށް ނުޖެހޭނެ. އަނެއް ސަބަބަކީ އަޅުގަނޑުމެން ރާވާފަ މިވާ ކުޅިވަރުތަކަކީ ތަފާތު ކުޅިވަރުތަކެއް މީގެ ކުރީގެ ޢީދުތަކާ އަޅާ ބަލާއިރު. އަބަދު އެއްކަމެއް ކުރުމުގެ ބަދަލުގަ މިފަހަރުގެ ޢީދަކީ ގިނަ ބަޔަކު ބައިވެރިކޮށްގެން ގެންދެވޭ ޢީދަކަށް ވުން އެއީ ބޭނުމަކީ ދަރަވަންދޫ ކައުންސިލް ރައީސް އަލީ ސަމީހު

ދަރަވަންދޫ ކައުންސިލް ރައީސް އަލީ ސަމީހު -- ސަން ފޮޓޯ
ސަމީހު ވިދާޅުވީ މިފަހަރުގެ ޢީދު ހަރަކާތްތައް ބާއްވަނީ ހުރިހާ އުމުރުފުރާތަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްޞަކޮށް ކުޑަކުދިންގެ މާލި ނެރުމާއި ޢީދާ ގުޅުވައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދެން ބާއްވާ ހަރަކާތްތަކަކީ ބޮޑެތި މީހުންނަށް ޚާއްސަ ހަރަކާތްތައްކަން ފާހަގަކޮށް ސަމީހު ވިދާޅުވީ މާލި ނެރުމާއި ސަގާފީ އެކިއެކި ހަރަކާތްތައް އޭގެތެރޭގައި ހިމެނޭ ކަމަށެވެ.
ދެން ފާހަގަކޮށްލަން ކުދިބޮޑު އެންމެންނަށް އަމާޒުކޮށްގެން ވަރަށް ޚާއްޞަ ހަރަކާތެއް އޮންނާނެ. އެއީ ބާބަކިއުއެއް. މި ބާބަކިއުގައި ރަށުގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަން. އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް އެއީ ބާބަކިއު އޮންނަ ރޭ ހުރިހާ ފަރާތްތަކުންވެސް މީގަ ބައިވެރިވުމަކީދަރަވަންދޫ ކައުންސިލް ރައީސް ޢަލީ ސަމީހު

އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސާ މުހައްމަދު ޒަހީން -- ސަން ފޮޓޯ
އެސްއެސްޓީވީގެ ފަރާތުން ވާހަކަދައްކަވަމުން ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން ވިދާޅުވީ މިފަހަރުގެ ޢީދު ކަވަރޭޖް ގެނެސްދިނުމަށް ވަރަށް ގިނަ ރަށްތަކުން ރިކުއެސްޓްތައް ލިބުނު ކަމަށެވެ. އެހެންނަމަވެސް ދަރަވަންދޫއަކީ އެގޮތަށް ލިބުނު އެންމެ ފުރަތަމަ ރިކުއެސްޓް ކަމަށާއި ފޯރިގަދަ ކުޅިވަރުތަކެއް ދަރަވަންދޫގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.
ބެލުންތެރިން ހިތްހަމަޖެހޭ ފަދަ ކަވަރޭޖެއް އެސްއެސްޓީވީއިން ގެނެސްދޭނެކަމުގެ ޔަގީންކަން ޒަހީން ވަނީ އަރުވާފައެވެ.
މިފަހަރުގެ އީދަށް އަޅުގަނޑުމެންގެ މައިގަނޑު ރަށަކީ ދަރަވަންދޫ. އެހެންނަމަވެސް އެހެން ދެތިން ރަށަކުންވެސް އަޅުގަނޑުމެން ކަވަރޭޖް ގެނެސްދޭނަން. މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުމެންގެ ގާބިލްކަން ހުރިވަރުން ވީހާވެސް ގިނަ ރަށްރަށުން ޢީދުގެ ފޯރި ބެލުންތެރިންނަށް ދައްކާލެވޭތޯއެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީން

ބިދަބިން ބޮޑުބެރު ގްރޫޕާއިއެކު ދަރަވަންދޫ ކައުންސިލުން އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ
މި ރަސްމިއްޔާތުގައި ބިދަބިން ބޮޑުބެރު ގްރޫޕާއެކު ދަރަވަންދޫ ކައުންސިލުން ވަނީ، ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ފޯރިގަދަ ބޮޑުބެރުގެ ހަރަކާތްތައް ގެނެސްދިނުމަށްވެސް ސޮއިކޮށްފައެވެ.
ހައްޖުވިލޭރޭ ދަރަވަންދޫގައި ރަސްމީކޮށް ޢީދުގެ ހަރަކާތްތައް ފެށޭއިރު އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުން ހަވާ އެރުވުމާއި ޢީދު ހުޅުޖެހުން ކުރިއަށްދާނެއެވެ. އެއަށްފަހު ޢީދު ދުވަސް ޢީދު ނަމާދުން ފަށައި، ޢީދުގެ ހަރަކާތްތައް ހަތަރު ދުވަހަށް ކުރިއަށްދާނެއެވެ.
ދަރަވަންދޫގެ ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި ކައުންސިލާއި ޑަބްލިއުޑީސީ ގުޅިގެން ފާހަގަކުރާ ޢީދުގައި ރަށުގެ އެހެނިހެން މުއައްސަސާތަކުންވެސް ބައިވެރިވާނެއެވެ. އެގޮތުން ފެނަކައާއި ދަރަވަންދޫ އެއާޕޯޓާއި ބ. އަތޮޅު މަދަރުސާއިންނާއި ދަރަވަންދޫ ސިއްހީ މަރުކަޒުން ވެސް ބައިވެރިވާނެއެވެ.
ދަރަވަންދޫގައި ކުލަގަދަކޮށް ފާހަގަކުރާ ޢީދުގައި ބައިވެރިވުމަށް އެ ރަށު ކައުންސިލްގެ ފަރާތުން ވަނީ ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގެ ރައްޔިތުންނަށް ދައުވަތު ދީފައެވެ.