ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އަމާން ވެށި ޕްރޮގްރާމްގެ ތެރެއިން ށ. މިލަންދޫގައި ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ.
އެގޮތުން އެ ރަށުގައި ފުލުހުންވަނީ މިލަންދޫ ސްކޫލުގެ ގްރޭޑް 10 އާއި 12އާ ދެމެދުގެ ދަރިވަރުންނަށް ލައިފް ކުރާފްޓްގެ ނަމުގައި ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.
މި ސެޝަންތަކުގައި ބިޒްނަސް އައިޑިއޭޝަނާއި، މޯޓިވޭޝަނާއި، އެންޓަޕްރިނިއާޝިޕްގެ އިތުރުން އެތިކްސް އެންޑް ވެލިއުޒްއާ ގުޅޭ ކުލާސްތައް ނަގައިދިނެވެ. މީގެ އިތުރުން ސައިބާ ސޭފްޓީއާއި ކެންސަރު ސޮސައިޓީގެ ފަރާތުން ކެންސަރު ބައްޔާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިޔައެވެ.
ފުލުހުން ބުނީ އެ ސެޝަންތަކުގެ މަގުސަދަކީ ސްކޫލު ނިންމާ ދަރިވަރުންނަށް މުސްތަގުބަލުގައި ކުރިއަށްދާނެ ދާއިރާއެއް ޚިޔާރުކުރުމުގައި އެ ކުދިންނަށް އެހީވެދިނުންކަމަށެވެ.
މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުންނެވެ.

ފުލުހުން ށ. މިލަންދޫގައި ކުރިއަށްގެންދާ އަމާން ވެށި ޕްރޮގްރާމްގެ ތެރެއިން ބޭއްވި ކުޅިވަރުން ފަހިކަން ޕްރޮގްރާމްގެ ބައިވެރިން --
ހަމައެއާއެކު މި މަހުގެ ހަތަރަކުން 12 އަށް 'ކުޅިވަރުން ފަހިކަން ޕްރޮގުރާމް'ގެ ނަމުގައިވަނީ ކުޅިވަރު ޕްރޮގްރާމެއް ހިންގައިފައެވެ.
މި ޕްރޮގުރާމްގައި ފުޓްސަލް ޓްރޭނިންއާއި ހޭންޑް ބޯޅަ ޓްރޭނިންގެ އިތުރުން ސްވިމިން ކުލާސްތައް ކުރިއަށް ގެންދިޔައެެވެ. ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓު ވެސްވަނީ ދީފައެވެ.
އެކަމަށް ޓަކައި ބޭއްވި ހަފްލާގައި އެ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވީ އެ ހަފްލާގެ ޝަރަފުވެރި މެހްމާން މިލަންދޫ ފެނަކައިގެ ޑެޕިއުޓީ އަހުމަދު އިމްރާނެވެ.
މި ހަފްލާގައި ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އަލީއާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ޑެޕިއުޓީ ހެޑް އަބްދުﷲ ފިރުޝާނާއި މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލުގެ އިތުރުން މިލަންދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެލެއްވިއެވެ.

ފުލުހުން ށ. މިލަންދޫގައި ކުރިއަށްގެންދާ އަމާން ވެށި ޕްރޮގްރާމްގެ ތެރެއިން --
އަދި ހެޑް އޮފް ޕޮލިސް މީޑިއާ ސެންޓަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ބައިވެރިވެލެއްވިއެވެ. ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ އެސްއެސް ޓީވީއެެވެ.