ބެލިންހަމް ރެއާލްއާ ގުޅިފައިވާކަން އެ ކްލަބުން އިއުލާންކޮށްފި

ބޮރޫޝިއާ ޑޯޓްމަންޑްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް -- ފޮޓޯ/ ގެޓީ

އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް 103 މިލިއަން ޔޫރޯ (110 މިލިއަން ޑޮލަރު)ގެ އަގަކަށް ރެއާލް މެޑްރިޑާ ގުޅިފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ބެލިންހަމް ރެއާލްއާ ގުޅޭނެކަން ފުރަތަމަ އިއުލާންކޮށްފައިވަނީ ބޮރޫޝިއާ ޑޯޓްމަންޑުން މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭރު ޓްރާންސްފާގެ އަގު ވެސް ޑޯޓްމަންޑުން ވަނީ އިއުލާންކޮށްފައެވެ.

އެ ޓްރާންސްފާ ފުރިހަމަކުރުމަށްފަހު ރެއާލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބެލިންހަމްގެ ޓްރާންސްފާއަށް ރެއާލާއި ޑޯޓްމަންޑުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އޭނާ ސޮއިކޮށްފައިވަނީ ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ކަމަށެވެ.

"ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ބެލިންހަމް ރަސްމީކޮށް ދައްކާލުމަށް މާދަމާ ރެއާލް މެޑްރިޑް ސިޓީގައި ހާއްސަ ހަފުލާއެއް ބޭއްވޭނެ. އެއަށްފަހު ބެލިންހަމް ނޫސްވެރިންނާ ބައްދަލުކުރާނެ،" ރެއާލުން ނެރުނު ބަޔާނުގައި ބުންޏެވެ.

ބާމިންހަމް ސިޓީން 2020 ވަނަ އަހަރު ޑޯޓްމަންޑާ ގުޅުނު ބެލިންހަމް ދައްކާފައިވާ މޮޅު ކުޅުމާއެކު އޭނާ ވެގެން ގޮސްފައިވަނީ އިނގިރޭސި ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިޔަކަށެވެ. މިސީޒަނުގެ ޖަރުމަން ބުންޑަސްލީގާގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ބެލިންހަމްއެވެ. އޭނާ ހޯދުމަށް ރެއާލްގެ އިތުރުން ލިވަޕޫލާއި މެންޗެސްޓާ ސިޓީން ވެސް މަސައްކަތްތަކެއް ކުރިއެވެ.

ރެއާލަށް ބެލިންހަމް ގުޅުމާއެކު އަންނަ ސީޒަނުގައި އެ ކްލަބުގެ މިޑްފީލްޑަށް އިތުރު ވާދަވެރިކަމެއް އަންނާނެއެވެ. ރެއާލްގެ ޒުވާން މިޑްފީލްޑަރުންގެ ތެރޭގައި ބެލިންހަމްގެ އިތުރުން އެޑުއާޑޯ ކަމަވިންގާ އާއި އޯރެލިއެން ޗުއަމެނީ އަދި ފެޑޭ ވަލްވާޑޭ ވެސް ހިމެނޭނެއެވެ.

އަންނަ ސީޒަނުގައި ރެއާލުން ނުފެންނާނެ އެންމެ މުހިންމު ކުޅުންތެރިޔަކީ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާއެވެ. ރެއާލްގައި ހޭދަކުރި 14 އަހަރަށްފަހު ބެންޒެމާ ވަނީ ސައުދީ އަރަބިއާގެ އަލް އިއްތިހާދާ ގުޅުމަށް ނިންމައިފައެވެ.

comment ކޮމެންޓް