އެމްއޭސީއެލް އާއި ޕޮލިހުން ގުޅިގެން ރޯޑް ސޭފްޓީ ޕްރޮގްރާމެއް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ވަނީ އެއާޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ތޯހާއާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބްދުލް ރަހްމާނެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ޤަވާއިދުތަކަށް ބޯ ލެނބުމާއި، ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައެވެ. އަދި، ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަކީ ބަލަންވާވަރަށް ނުބަލާ ދުއްވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއްކަން ފާހަގަކޮށް އެއާޕޯޓުގެ މަގުތަކުގައި ހިނގާފައި ދާއިރު ބޮޑެތި ބަސްތަކާއި އުޅަނދުތައް ގިނައިން ދަތުރުކުރާތީ އެކަމަށް ސަމާލުވުމަށް ވެސް ތޯހާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު އަބްދުލް ރަހްމާން ވާހަކަދައްކަވަމުން މުވައްޒަފުންގެ ކިބައިން އެދިވަޑައިގަތީ ފަރުދުންނަށް ނުރައްކާވެދާނެ ސަބަބުތައް ދެނެގަތުމުގައި ބޮޑު އަހަންމިއްޔަތެއް ދެއްވުމަށެވެ. އަދި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެދިވަޑައިގެންނެވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށް ފަހު އެމްއޭސީއެލްގެ ސީނިއާ މެނޭޖްމަންޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް އެކުލަވާލައި، އެ ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން ސެކްޝަނުން ދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުރަމުންނެވެ. ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ގިނަ ފަރާތްތަކަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި އެމްއޭސީއެލްއާ އެކު ވެސް މިވަނީ ހާއްސަ މަސައްކަތްތަކެއް ކުރުމަށް ފަށާފައެވެ.

އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ބިނާރުގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިންގެ ހަރަކާތެއްގެ ގޮތުން މިއަދު އިފްތިތާހުކުރި ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމްގެ ދަށުން ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި އާންމު މުވައްޒަފުންނާއި ޑްރައިވަރުންނަށް ހާއްސަ ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް