ޓްރާންސްފާތަކުގައި ސައުދީ އަރަބިއާގެ ޓްރެންޑް ފެންނަ ކަމަށާއި ނަމަވެސް ސައުދީގެ ލީގަށް ގުޅުމާ މެދު ނުވިސްނާ ކަމަށް ބާސެލޯނާގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.
މިދިޔަ ސީޒަންގެ ތެރޭގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ އަލް ނަސްރާ ގުޅުނު އިރު، އަންނަ ސީޒަނުގައި އަލް އިއްތިހާދުން ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އާއި ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ފެނިގެންދާނެއެވެ. ސައުދީގެ ކްލަބުތަކަކުން ދުނިޔޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިންތަކަކަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށް ލެވަންޑޯސްކީ ވަނީ ބުނެފައެވެ.
"ވަރުގަދަ ކުޅުންތެރިން ގެންދިއުމަށް މަސައްކަތްކުރުމަކީ މައްސަލައެއް ނޫން. އަހަރެން އެކަމާ މެދު ނުވިންނަން. ސައުދީގައި ހިނގާ ކަންކަން އަހަރެންނަށް ފެނޭ. އެކަމަކު އެއީ އަހަރެން ކަންބޮޑުވާ ކަމެއް ނޫން. އަހަރެން އެކަމަކަށް ހާއްސަ ސަމާލުކަމެއް ނުދެން،" ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލެވަންޑޯސްކީ ބުންޏެވެ.
މިދިޔަ އަހަރުގެ ތެރޭގައި ބަޔާން ދޫކޮށް، ބާސާއާ ގުޅުނު އުމުރުން 34 އަހަރުގެ ލެވަންޑޯސްކީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ ތިން އަހަރު އެބައޮތެވެ. ބާސާގައި ލެވަންޑޯސްކީ ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ އެ ކްލަބާއެކު ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައެވެ.
ފްރާންސް ފޯވަޑް ބެންޒެމާ އަލް އިއްތިހާދާ ގުޅުނީ ރެއާލާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުންނެވެ. އޭނާ ރެއާލް ދޫކޮށްލާފައި މިވަނީ އެ ކްލަބުގައި 14 އަހަރު ހޭދަކުރުމަށްފަހުއެވެ. އޭނާއާއެކު އެ ކްލަބަށް ގުޅެން ނިންމާފައިވާ ކަންޓޭ ވަނީ ޗެލްސީއަށް ހަތް އަހަރު ކުޅެފައެވެ.