ދެކުނު ކޮރެއާއަށް އަމާޒުކޮށް، އުތުރު ކޮރެއާގެ ހެކަރުން ފޭކް ވެބް ޕޯޓަލްއެއް ހަދައިފި

ދެކުނު ކޮރެއާގެ މަޝްހޫރު ވެބް ޕޯޓަލް ނެވާ އާ ގާތްގަނޑަކަށް އެއްގޮތް ވާ ގޮތަށް, އުތުރު ކޮރެއާގެ ހެކަރުން ފޭކް ވެބްސައިޓެއް އުފައްދާފައިވާ ކަމަށް ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސް ސާވިސް (އެންއައިއެސް)އިން ބުނެފިއެވެ.

ދެކުނު ކޮރެއާގެ ޓެކް ކުންފުންޏަކުން ހިންގަމުން އަންނަ ނެވާ ޕޯޓަލް އަކީ ދެކުނު ކޮރެއާގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ވެބް ޕޯޓަލް އަދި ސާޗް އިންޖީނަށް ވާއިރު، އީމެއިލް، ނިއުސް އެގްރިގޭޝަން އަދި އޮންލައިން ޝޮޕިން ފަދަ ތަފާތު ޚިދުމަތްތައް އެ ޕޯޓަލްއިން ފޯރުކޮށްދެއެވެ.

ނަމަވެސް އެންއައިއެސްއިން މި ހަފުތާގައި ނެރުނު އިންޒާރެއްގައި ވަނީ "ނެވާ ޕޯޓަލް" ނުވަނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއާ އެއްގޮތް ފޭކް ޕޯޓަލްގެ ފަހަތުގައި ވާ ކަމަށް ގަބޫލުކުރާ ޖަމާއަތުގެ ހަރަކާތްތައް ދެނެގަތުމަށް ބޭރުގެ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

"ދެކުނު ކޮރެއާގެ ރައްޔިތުންނަށް އަމާޒުކޮށް އުތުރު ކޮރެއާއިން ދޭ ހެކިން ހަމަލާތައް މިހާރަށް ވުރެ ފުޅާވަމުން އެބަދޭ،" އެންއައިއެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އުތުރު ކޮރެއާގެ ފޭކް ވެބް ޕޯޓަލް މެދުވެރިކޮށް އޮޅުވާލީ ކިތައް މީހުންނަށް ކަމެއް ނުވަތަ ޒާތީ މައުލޫމާތު ފޭރިފައި ވަނީ ކިތައް މީހުންގެ ކަމެއް އެންއައިއެސްއިން ހާމައެއް ނުކުރެއެވެ.

އިއްޔެ ނެވާގެ މަންދޫބަކު ވިދާޅުވީ އެ ވެބްޕޯޓަލްއަށް ވަނުމުގައި ޑޮމެއިން އެޑްރެހަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އުތުރު ކޮރެއާގެ ހެކަރުން ސައިބާ ހަމަލާތައް މެދުވެރިކޮށް އެތައް މިލިއަން ޑޮލަރެއް ވަގަށް ނަގާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެގޮތުން އދ.އިން މިދިޔަ ފެބްރުއަރީ މަހު ބުނި ގޮތުގައި، މިދިޔަ އަހަރަކީ އުތުރު ކޮރެއާއިން އެންމެ ގިނައިން ކްރިޕްޓޯކަރެންސީ ވަގަށް ނެގި އަހަރެވެ. އެގައުމުން އެ ފައިސާ ބޭނުން ކުރަނީ ގަވާއިދާ ޚިލާފަށް ހިންގާ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކަށް ޚަރަދު ކުރުމަށް ކަމަށް ބައިނަލްއަގުވާމީ މޮނިޓަރުން ބުނެއެވެ.

ނަމަވެސް އުތުރު ކޮރެއާއިން އެ ތުހުމަތުތައް ދޮގުކުރެއެވެ.

އުތުރު ކޮރެއާއިން ހެކްކުރަން އާންމުކޮށް މަސައްކަތް ކުރަނީ އީމެއިލް މެދުވެރިކޮށް ކަމަށާއި އެއީ ނެވާ އާއި އެހެން ވެބް ޕޯޓަލްތަކުގެ ނަމުގައި ފޮނުވާ މެއިލް ބޭނުންކޮށްގެން ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް