ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަލްމަރްޙޫމް އަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ އާއިލާއާ ބައްދަލުކުރައްވައި އެ މަރްޙޫމްގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އައު ކުރައްވައި އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މަރްޙޫމްގެ އާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި 54 އަހަރުގެ ދިގު މުއްދަތަކަށް އަބްދުﷲ ޖަމީލް ދައުލަތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ހަނދާންތައް ވަނީ އައުކުރައްވާފައެވެ. މަރްޙޫމްގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވަމުން ރައީސް ވިދާޅުވީ އެ ގެއްލުނީ ދައުލަތާއި މުޅި ގައުމުގެ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި ރައީސް ވަނީ ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަރްޙޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_168664526660Qk8J.jpg)
އަލްމަރްޙޫމް ޢަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއިކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި އެ މަރްޙޫމްގެ ޢާއިލާއިން ވަނީ މަރްޙޫމް ޢަބްދުﷲ ޖަމީލްގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރައްވާފައެވެ. މި ދަފްތަރުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ރައީސްއެވެ. އެއަށްފަހު ނައިބު ރައީސް ފައިސަލެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_168664531215W4ux.jpg)
އަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ނައިބުރައީސް ފައިސަލް ނަސީމް ސޮއިކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވަނީ ޢަބްދުﷲ ޖަމީލްގެ އަވަހާރަވުމަކީ މުޅި ޤައުމަށް ލިބުނު ހިތާމައެއްކަން ފާހަގަކުރައްވައި މަރްޙޫމްގެ 54 އަހަރުގެ ޤައުމީ ޚިދުމަތުގައި ފާހަގަކުރެވިގެން ދަނީ ކޮންމެ ކަމެއްގައިވެސް ދިވެހި ދަޢުލަތާއި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ.
އަދި ރާއްޖޭގެ ޤައުމީ ހަޔާތުގަޔާއި ބަރުލަމާނީ ހަޔާތުގައި އަދާކުރައްވާފައިވާ ޚިދުމަތްތެރި ދައުރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާން ނިންމަވާލައްވާފައި ވަނީ އަބްދުﷲ ޖަމީލްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމުންނެވެ.
އަބްދުﷲ ޖަމީލްގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި މަރްޙޫމްގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ވަނީ ބަޔާނެއް ލިޔުއްވާފައެވެ.
އަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ޖޫން 12ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00އިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. އަދި މަރްޙޫމް ފަސްދާނުލެވުނީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ.