ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލައިގެ ތެރެއިން އެއްވެސް މައްސަލައެއް އަނބުރާ ނުގެންދާނެ ކަމަށާއި، ޑިމޮކްރެޓިކް ގޮތަކީ ދެ ބޭފުޅުން ވެސް އެ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބުނެފިއެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓި، ޖަލްސާތައް ބޮޑު ކުޅިވަރަކަށް ވެފައި ވާއިރު، އެކަމާ ގުޅުވާ އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.
މަޖިލީހުގެ ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މެންބަރުން ބުނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ގެ އިތުބާރު ނެތް މައްސަލަ އެއް ފަހަރާ ކުރިއަށް ގެންދެވޭނެ މަގެއް ގާނޫނުއަސާސީ އަދި މަޖިލީހުގެ ގަވާއިދުގައިވެސް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ސަރުކާރާ ދެކޮޅު ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / ފޮޓޯ: މަޖިލިސް
އެއީ ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ރިޔާސަތު ނައިބު ރައީސް ހަވާލުވެ، ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ރިޔާސަތާ މަޖިލީހުގެ ރައީސް ހަވާލުވެގެންނެވެ. ނަމަވެސް އެ ދެ ބޭފުޅުންވެސް ވަނީ މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އޮތް ހައްލަކީ އެ ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް ކުރިއަށް ގެންދިއުން ކަމަށެވެ.
އެއަށްފަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ 14 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހުގެ ރިޔާސަތާ މަޖިލީހުގެ ރައީސްއަށް ހަވާލު ނުވެވޭނެ ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި، ރިޔާސަތާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އީވާގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅަން ކަމަށްވެސް ތުހުމަތު ކުރައްވާފައިވެއެވެ.
އަޅުގަނޑުމެން ދެކޭ ގޮތުގަ އެއްވެސް މައްސަލައެއް އަނބުރާ ގެންދާކަށް ނުވެސް ޖެހޭ. މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އެއޮތީ އެ ބޭފުޅުންގެ އިތުބާރުނެތްކަމަށް ހުށަހަޅާފަ. ޑިމޮކްރެޓިކް އުސޫލުން ކަންތައް ކުރައްވާކަމަށް ވިޔަސް ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ކަންތައް ކުރައްވާ ކަމަށް ވިޔަސް، އިސްތިއުފާ ދެއްވާފަ އާންމު މެމްބަރުން ގޮތުގަ ތިއްބެވުން. ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވުމުގެ ސަބަބުން މަޖިލީހުގެ ދަފްތަރަށް އައި ބަދަލާ އެކު މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އަދި ނުނިމެއެވެ. އިދިކޮޅުން ބުނާ ގޮތުގައި ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އަވަސް ކުރަން އެމްޑީޕީ މެންބަރުންނާ އެކު ބޭއްވި އެއްވެސް ބައްދަލުވުމެއްގައި އެ މެންބަރުން ތިއްބެވީ "ދޫ ދެއްވާ ގޮތަކަށް ނޫނެވެ."
މަޖިލިސް ޑެޑްލޮކަށް ދިއުމަށް މަޖިލީހުގެ ގަވާއިދު ތަން ނުދޭ ކަން ބަޔާންކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ. ކޮމިޓީ އެކުލަވާލައި ނިމިފައި ނުވި ނަމަވެސް އީވާގެ މައްސަލަ މިހާރު ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.