އިޓަލީގެ ކުރީގެ ބޮޑުވަޒީރު ބަރުލަސްކޯނީ އަވަހާރަވެއްޖެ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރުލަސްކޯނީ -- ފޮޓޯ/ ރޮއިޓާސް

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރުލަސްކޯނީ އުމުރުފުޅުން 86 އަހަރުގައި އަވަހާރަވެއްޖެއެވެ.

އިޓަލީގެ ނޫސްތަކުގައިވާ ގޮތުން ބަރުލަސްކޯނީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ. އެގޮތުން 2020 ވަނަ އަހަރު ކޮވިޑް-19 ޖެހިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ އިރު، މިއަހަރުގެ އޭޕްރިލް މަހު އޭނާ ލޭގެ ކެންސަރަށާއި ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަން ފައްޓަވާފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.

ބަރުލަސްކޯނީ އެންމެ ފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާއާ ގާތް ފަރާތްތަކުން ބުނި ގޮތުގައި އެއީ ކެންސަރާ ގުޅުން ހުރި ޓެސްޓުތަކެއް ހެދުމަށް ޓަކައެވެ.

ބަރުލަސްކޯނީގެ ފޯޒާ އިޓާލިއާ ޕާޓީއަކީ މިހާރު އެގައުމުގައި އޮތް ސަރުކާރުގެ ކޯލިޝަން ޕާޓީއެއް ނަމަވެސް، އޭނާ ސަރުކާރުގެ މަގާމެއް ނުފުރުއްވައެވެ.

1986އިން 2017އަށް އޭސީ މިލާންގެ ވެރިޔަކަށް ހުންނެވީ ބަރުލަސްކޯނީ -- ފޮޓޯ/ ޝަޓާސްޓޮކް

އިޓަލީގައި 1994އިން 2011އަށް، ހަތަރު ސަރުކާރެއްގައި ބޮޑުވަޒީރުކަން ކުރައްވާފައިވާ ބަރުލަސްކޯނީ އަކީ އެގައުމުގެ އެންމެ ބޮޑު މީޑިއާ ކުންފުނި މީޑިއާސެޓްގެ ބާނީގެ އިތުރުން، 1986އިން 2017އަށް އޭސީ މިލާންގެ ވެރިޔާއެވެ.

ބަރުލަސްކޯނީއާ ގުޅުން ހުރި ތަފާތު ޖިނާއީ މައްސަލަތައް ތަހުގީގުކޮށްފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ނުވާ އަންހެން ކުއްޖަކަށް ފައިސާ ދީގެން ޖިންސީ ގުޅުން ހިންގި މައްސަލައަކާއި ޓެކްސްއަށް މަކަރު ހެދުމާއި ރިޝްވަތުގެ މައްސަލަތައް ހިމެނެއެވެ. އޭގެ ތެރެއިން ކުށް ސާބިތުވެފައި ވަނީ ޓެކުހަށް މަކަރު ހެދުމުގެ މައްސަލައެއްގައި އެކަންޏެވެ. އެ ދައުވާއާ ގުޅިގެން އޭރު 76 އަހަރުގެ ބަރުލަސްކޯނީއަށް ކުރި ހުކުމަކީ އެއް އަހަރަށް މުޖުތަމައަށް ޚިދުމަތް ކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް