ރިޔާސަތުގައި އަފީފް އިންނެވުމުން ޖަލްސާ ކުރިއަށް ގެންދިޔަ ނުދިން

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާ ހަވާލުކުރުމުން ސަރުކާރަށް ތާއީދު ކުރާ އެމްޑީޕީ މެންބަރުންގެ ނުރުހުން އަމާޒުވެ ޖަލްސާ ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމުގެ ދެ ގަރާރެއް މަޖިލީހަށް ލިބިފައިވާތީ، އެ ގަރާރުތަކާ މެދު ގޮތެއް ނިންމަންދެން އެ ދެ ބޭފުޅުން ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާކަން މަޖިލީހުގެ އިދާރާއަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ބ. ގެ ދަށުން ރިޔާސަތު ބެލެހެއްޓެވުމަށް ނިއުޝާ ވަނީ ހަސަން އަފީފަށް ދަންނަވާފައެވެ.

ނަމަވެސް އަފީފް ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީ މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަ ކުރަން ފަށާފައެވެ. އަދި، އީވާގެ އިތުބާރު ނެތް މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މުއްދަތު މިއަދަށް ހަމަވެފައިވާއިރު، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެ މައްސަލަ ނެތުމުން އެ ކަމުގެ ނުރުހުން ވެސް ފާޅުކޮށްފައިވެއެވެ.

އަދި، އަފީފް ޖަލްސާގެ ރިޔާސަތުގައި އިންނެވީ ގަވާއިދާ ޚިލާފަށް ކަމަށާއި، ރިޔާސަތުގައި އިންނެވި ގޮތް ސަފުކޮށް ދެއްވުމަށް އެދި އެ މެންބަރުން ވަނީ ތަޅުމުގައި އަޑުގަދަ ކޮށްފައެވެ. މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ގޮވާލަމުން ދިޔައެވެ.

ފަހަރަކު މެންބަރެއް ނިޒާމީ މައްސަލައެއް ނަގައި ރިޔާސަތަށް ފާޑުކިޔައި، އަޑުގަދަކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅަމުން ގެންގޮސްފައިވާތީ ރިޔާސަތުން ވަނީ މަޖިލިސް މެދުކަނޑާލައިފައެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައީސާއި ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތެއްގައި ދެން ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް ކަމަށެވެ.

ހުސްވަގުތު ކޮޅަކަށް ފަހު ޖަލްސާ އަލުން ފެށިއިރު ވެސް މަޖިލީހުގެ ނިޒާމު އޮތީ ގެއްލިފައެވެ.

ޖަލްސާ އަލުން ފަށައި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުއްލި މައްސަލައެއް ހުށަހަޅުއްވަން ރިޔާސަތުން ފުރުސަތު އެރުވުމުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ އާދަމް ޝަރީފްގެ ކުރިމައްޗަށް އަރައި އޭނާއަށް ހުރަސް އަޅާފައެވެ. އަދި، މެންބަރުގެ ވާހަކަދެއްކުން ކުރިއަށް ގެންދިޔަ ނުދީ މެންބަރުގެ މައިކު ބޭނުންކޮށްގެން ޝުއޫރު ފާޅު ކޮށްފައެވެ.

ރިޔާސަތުން ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް އެ މެންބަރުންނަށް ގޮވާލާފައެވެ. ނަމަވެސް ގިނަ މެންބަރުންތަކެއް ގޮނޑިތައް ދޫކުރައްވައި މަޖިލީހުގެ ތަޅުމަށް އެއްވެ ނިޒާމު ގެއްލުމުން ރިޔާސަތުން ވަނީ ޖަލްސާ ނިންމަވައި ލައްވާފައެވެ.

comment ކޮމެންޓް