ދިޕިކާ ޕަދުކޯން އަކީ ހޮލީވުޑްގެ މި އެކްޓަރުގެ ފެވަރިޓެއް

ބަތަލާ ދިޕިކާ ޕަދުކޯން އަކީ، މަސައްކަތް ކުރެވުނު ކޯ ސްޓާރުންގެ ތެރެއިން އެކީގައި މަސައްކަތް ކުރެވުނު އެންމެ ފެވަރިޓް ބަތަލާ ކަމަށް ހޮލީވުޑްގެ އެކްޓަރު ވިން ޑީޒެލް ބުނެފިއެވެ.

ދިޕިކާއާއި ވިން ޑީޒެލް އެކީގައި ފުރަތަމަ މަސައްކަތް ކުރީ ބަތަލާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް"ގައެވެ. މިއީ ދިޕިކާ މިހާތަނަށް ކުޅުނު ހަމައެކަނި ހޮލީވުޑް ފިލްމު ވެސް މެއެވެ.

ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް"ގެ އެކްޓަރުވަނީ ކޯ-ސްޓާ ދިޕިކާ ޕަދުކޯން މަތިން ހަނދާންވާ ކަމަށް ބުނެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ދެ ތަރިން އެކީގައި ނަގާފައިވާ ފޮޓޯއެއް އާއްމުންނާ ހިއްސާކޮށްފައެވެ. ވިން ޑީޒެލްގެ ޕޯސްޓުގައި ދިޕިކާ ސިފަކޮށްފައިވަނީ މިހާތަނަށް އެކީގައި މަސައްކަތް ކުރެވުނު އެންމެ ގަޔާވާ ބަތަލާގެ ގޮތުގައެވެ.

މި ފިލްމުގެ މަސައްކަތަށް ފަހު ފިލްމުގެ ޕްރޮމޯޝަނަލް ދަތުރެއްގައި ދިޕިކާ ވިން ޑީޒެލް އިންޑިއާއަށް ގެންދިޔަ ކަމަށާއި އެ ދަތުރުގެ މަތިން ހަނދާންވާ ކަމަށް ވިން ޑީޒެލް ވަނީ ބުނެފައެވެ. އަދި، އެނބުރި އިންޑިއާއަށް ދެވޭނެ ދުވަހަކަށް އިންތިޒާރުކުރާކަމަށް ދުނިޔޭގެ އެންމެ އަގު ބޮޑު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ވިން ޑީޒެލް ވަނީ ބުނެފައެވެ.

ވިން ޑީޒެލް އިންޑިއާއަށް ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. ދާދި ފަހުން ރިލީޒްކުރި "ފާސްޓް އެންޑް ފިއުރިއަސް"ގެ ފަހު ފިލްމު "ފާސްޓް އެކްސް"ގެ ޕްރިމިއާ އިވެންޓަށް ވިން ޑިޒެލްއާ އެކު ބޮލީވުޑްގެ ތަރި ޢަލީ ފަޒަލް ވެސް ވަނީ ވިން ޑީޒެލްގެ ދަޢުވަތަކަށް ހާޒިރުވެފައެވެ.

ވިން ޑީޒެލްއަކީ އެކީގައި މަސައްކަތްކުރާ ހުރިހާ ކޯ އެކްޓަރުންނާ ވެސް ވަރަށް ގާތް ގުޅުމެއް ބާއްވާ އެކްޓަރެކެވެ. ދިޕިކާގެ މަތިން ހަނދާންކޮށް ވިން ޑީޒެލްކުރި ޕޯސްޓާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ "ޓްރިޕްލް އެކްސް"ގެ އިތުރު ބައެއް އުފައްދަން އުޅޭކަމުގެ އިޝާރާތެއް ކަމުގައެވެ.

ނަމަވެސް އެއްވެސް ފަރާތަކުން މި ކަމަށް ރަސްމީގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް