ޗެމްޕިއަންސް ލީގާއެކު ސީޒަނުގައި ތިން ތަށި ކާމިޔާބުކޮށް، ސިޓީ ތާރީހުގެ ތެރެއަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ ކޮޅަށް ގޯލު ޖެހުމަށްފަހު، ރޮޑްރީ އުފާފާޅުކުރަނީ -- ފޮޓޯ/ މެންޗެސްޓާ ސިޓީ

އިންޓަ މިލާން ބަލިކޮށް، މެންޗެސްޓާ ސިޓީން ފުރަތަމަަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.

ތުރުކީގެ އިސްތަންބޫލުގައި މިރޭ ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގައި އިންޓަގެ މައްޗަށް ސިޓީން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗަށް ސިޓީން ނުކުތީ އެ ކްލަަބަށް ކާމިޔާބުކުރެވިފައިނުވާ ހަމައެކަނި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގު ހޯދުމަށެވެ. ސިޓީން ދިޔައީ 1999 ވަނަ އަހަރަށްފަހު އެއް ސީޒަނެއްގައި ތިން ތަށި ހޯދާ ފުރަތަމަ އިނގިރޭސި ޓީމުގެ ޝަރަފު ހޯދުމަށެވެ. މެޗަށް ނުކުތް އިރު، އެ ޝަރަފު އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުގައެވެ.

މެޗުގެ ކުރީކޮޅުގައި ސިޓީއަށް ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓީމުގެ ރަސްމީ ކުޅުން ދެއްކޭ ގޮތް ނުވެފައެވެ. އޭގެ ފައިދާ ނަގައި އިންޓަ އިން ދިޔައީ ލިބޭ ފުރުސަތުތަކުގައި ކުރިއަށް ޖެހި، ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ.

އެ މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލާފައިވަނީ ސިޓީންނެވެ. ބެނާޑޯ ސިލްވާއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ އިންޓަ ގޯލުގެ އަރަމަތީ ދަނޑި ކައިރިން ބޭރަށެވެ.

މަސައްކަތްތަކަކަށްފަހު މެޗުގެ 20 ވަނަ މިނެޓުގައި އިންޓައަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އިންޓަގެ ކެޕްޓަން މާސެލޯ ބްރޮޒޮވިޗް ފޮނުވާލި ބާރު ހަމަލާ، އެޓީމުގެ އާޖެންޓީނާ ފޯވަޑް ލައުޓާރޯ މާޓިނޭޒް ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި އިންޓައަށް ގޯލު ޖެހުމަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ސިޓީގެ ކީޕަރު އެޑަސަން ކުރިއަށް ޖެހި، އޭނާ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، އިންޓަގެ އިޓަލީ މިޑްފީލްޑަރު ނިކޮލާ ބަރެލާ ދުރުން ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އޭގެ މިނެޓެއް ފަހުން ސިޓީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ކެވިން ޑިބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑް ފޮނުވާލި ހަމަލާ، އިންޓަގެ ކެމަރޫން ކީޕަރު އަންދްރޭ އޮނާނާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 29 މިނެޓުގައި ސިޓީގެ އިތުރު ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބެލްޖިއަމް މިޑްފީލްޑަރު ޑިބްރޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އިންޓަގެ ކީޕަރު އޮނާނާއާ ދިމާއަށެވެ. އެ ބޯޅަ ފޮނުވާލުމުގެ ތެރޭގައި ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޑިބްރޭނާއަށް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެސް ވެފައެވެ. އެ އަނިޔާއާ ގުޅިގެން އިތުރަށް ކުޅުން ކުރިއަށް ނުގެންދެވިގެން، މެޗުގެ 36 ވަނަ މިނެޓުގައި ޑިބްރޭނާގެ ބަދަލުގައި ވަނީ ފިލް ފޮޑެން ކުޅެން އަރުވައިފައެވެ.

ފުރަތަަމަ ހާފުގެ ފަހުކޮޅު އިންޓަ އިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހި، ޑިފެންސިވް ކުޅުމެކެވެ. އިންޓަގެ ގިނަ ކުޅުންތެރިންތަކެއް ފަހަތަށް ޖެހި ކުޅެމުންދިއުމާ ގުޅިގެން ސިޓީއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި އިންޓައަށް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސިޓީގެ ޑިފެންސަށް ހެދުނު ގޯހަކުން ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިންޓަގެ ފޯވަޑް މާޓިނޭޒް ފޮނުވާލި ހަމަލާ، ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ ކޮޅަށް ގޯލު ޖެހުމަށްފަހު، ރޮޑްރީ އުފާފާޅުކުރަނީ -- ފޮޓޯ/ މެންޗެސްޓާ ސިޓީ

މެޗުގެ 68 ވަނަ މިނެޓުގައި ސިޓީން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ސިޓީން ކުރިއަށް ޖެހި، ތަނަވަސްކުރި ފުރުސަތެއްގައި އެޓީމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީއެވެ.

އޭގެ ދެ މިނެޓު ފަހުން އިންޓައަށް ނަތީޖާ ހަމަހަމަކޮށްލުމަށް ކައިކައިރީގައި ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިންޓަގެ އިޓަލީ ޑިފެންޑަރު ފެޑެރީކޯ ޑިމޯކޯ ބޮލުން ފޮނުވާލި ހަމަލާ ސިޓީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ރީބައުންސް ބޯޅައިން އޭނާ ފޮނުވާލި ހަމަލާ އެޓީމުގެ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ. އޭގެ ފަހުން ލުކާކޫ ފޮނުވާލި ހަމަލާއެއް، ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބާރު ސްޕީޑުގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން ފޮނުވާލި ހަމަލާ، އިންޓަގެ ކީޕަރު އޮނާނާ ވަނީ މަތަކޮށްފައެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް, ނަތީޖާ ހަމަހަަމަކުރުމަށް އިންޓައަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ, އިންޓަގެ ބެލްޖިއަމް ފޯވަޑް ލުކާކޫ ބޮލުން ފޮނުވާލި ހަމަލާ, ސިޓީގެ ކީޕަރު އެޑަސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް އިންޓައަށް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރަކުން ރޮބިން ގޮސެންސް ބޮލުން ފޮނުވާލި އެ ހަމަލާ ވެސް ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ.

comment ކޮމެންޓް