ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއިއެކު ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ތިން މިލިމީޓަރަށް ވުރެ މައްޗަށް އުފުލިފައިވާ ކަމަށާއި ވޭތުވެ ދިޔަ އަހަރުތެރޭ ރާއްޖޭގެ ހޫނުމިން ވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނ. ކުޑަފަރީގައި ކުރިއަށް ގެންދިޔަ ލިޓްލް ބިގް ފެސްޓިވަލް ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ މި ބަދަލުތަކާއެކު މިއީ ކަންބޮޑުވުން ބޮޑު މައްސަލައެއް ކަމަށާއި މިކަންކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ކަނޑުތަކުގެ ދުވަސް ފާހަގަކުރާ މައިގަނޑު މަގްސަދަކީ ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުންކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާ ކުރުމަށް ކަނޑައެޅި ސިޔާސަތާއެކު އެކަމަށް ހެޔޮ ބަދަލެއް މިހާތަނަށް ފެނިފައިވާ ކަމަށެވެ. އެގޮތުން މިއީ މިކަމުން ރާއްޖެ ސަލާމަތް ކުރުމަށް ފެށޭ އަލިމަގެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާ ކުރުމުގެ ސިޔާސަތާއެކު މިހާތަނަށް ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެކުރާ މިންވަރު މިވަނީ 50 ޕަސެންޓް ކޮންޓްރޯލް ކުރެވިފަ. އެހެންވީމަ އަޅުގަނޑަށް ހީވަނީ މިކަން ބަލައިގެންފިހެން ރައްޔިތުންވެސް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ
ހަމައެއާއެކު ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ތިމާވެއްޓަށް ކުރިމަތިވެފައިވާ މިހުރިހާ ގޮންޖެހުންތަކަކީ އާންމު ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކޮށްގެން ހައްލު ކުރެވޭނެ މައްސަލަތައް ކަމަށެވެ.
މި ފެސްޓިވަލާ ގުޅިގެން ބުނެލަން އޮތީ މިއީ ކޮންމެ ރަށެއްގައިވެސް ކުރަން ހަމަ ރަނގަޅު ކަމެއް. ފާހަގަކޮށްލަން ޖެހޭ މިހާރު ރަށްރަށުގައި އަންނަނީ ތިމާވެށި ހިމާޔަތްކުރުމުގެ ބޮޑެތި އެންޖީއޯތައް ގިނަވަމުން. މިއީ ކޮންމެ ރަށެއްގައި ވެސް އޮތުން މުހިންމު އަދި މި ރާއްޖެއަށްވެސް ވަރަށް ބޭނުންތެރި ކަމެއް. އެހެންވީމަ ކުޑަފަރީ އަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ނަމޫނާ ރަށެއްއެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ
މިނިސްޓަރު އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރު ޕްލާސްޓިކް ފޭސް އައުޓް ޕްލޭނެއް އެކުލަވާލާފައިވާއިރު އަމާޒު ހިފީ ރާއްޖޭގަ އެންމެ ގިނައިން ބޭނުންކުރަމުން އަންނަ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުންކުރުން އަދި އުފެއްދުން އެއްކޮށް މަނާކުރަން ކަމަށެވެ. އެގޮތުން މިހާތަނަށް 12 ބާވަތެއްގެ މަސައްކަތް އެއްކޮށް ކޮށް ނިންމާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި ޕްލާސްޓިކް ފޭސް އައުޓްގެ ދެވަނަ މަރުހަލާ ފަށާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޖޫން ފަސް ވަނަ ދުވަހުއެވެ. އަދި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުން އަންނަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. މި ދެ ދުވަސް އެއްކޮށް ފާހަގަކުރުމުގެ ގޮތުން ކުޑަފަރީގައި ކުރިއަށްދާ ފެސްޓިވަލްގައި ނ. އަތޮޅުގެ އެކި ރަށްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ކައުންސިލްތަކުންނާއި އެކި ރަށް ރަށުގެ ތިމާވެށި ރައްކާތެރިކުރުމުގެ އެންޖީއޯތަކުން ވަނީ މި ފެސްޓިވަލްގައި ބައިވެރިވެފައެވެ.
ފެސްޓިވަލްގައި ގިނަ އަދަދެއްގެ ސްޓޯލްތައް ބަހައްޓާފައިވާއިރު ތިމާވެށި ރައްކާތެރިކުރުމާއި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމުގެ ތަފާތު ގޭމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ސްކޫލް ކުދިންނަށް ޚައްސަ ގޭމްތައްވެސް ހިމެނެއެވެ. އަދި މި ފެސްޓިވަލްގެ ތެރެއިން މީހުން ހޭލުންތެރިކުރުވުމަށް އެކި މައްސަލަތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ވަނީ ހުށަހަޅާފައެވެ.