ޖުމްހޫރީ ޕާޓީ (ޖޭޕި)ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރަސްމީކޮށް ހަވާލުކޮށް ކެމްޕެއިން ލޯންޗު ކޮށްފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ވާދަކުރެއްވުމަށް ނިންމާފައިވާ ގާސިމާ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވަނީ މިހާރު އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވާމުން އަންނަ ޖަލްސާގައެވެ.
އެކި ދާއިރާތަކުގެ ތަމްސީލްވުން ދައްކުވައިދޭ ވީޑިއޯ ރިޕޯޓަކަށް ފަހު ގާސިމާ ރިޔާސީ ޓިކެޓް ހަވާލު ކޮށްދެއްވީ ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޖޭޕީގެ ސެކެޓްރީ ޖެނަރަލް އަލީ އާރިފެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމްއާ ރަސްމީކޮށް ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ: ސާތިއު
އެ ޖަލްސާގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖޭޕީން ބޭނުންކުރާނެ ސްލޯގަން (ހާސްކަނޑާލާ ހަމަޖެހޭނެ, ގާސިމް 2023) އާއި ލަވަ ވެސް އާންމު ކޮށްފައެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމަށް ދޭން ނިންމާފައިވަނީ އެ ކަމަށް އިއުލާނު ކުރުމަށް ފަހު ގާސިމް އެކަނި ކުރިމަތިލެއްވުމުން އެ ޕާޓީގެ ކައުންސިލްގެ އިއްތިފާގުންނެވެ.
ރިޔާސީ އިންތިޚާބަށް ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު ޖޭޕީން ވަނީ އެހެން ޕާޓީތަކަށް ވެސް އެ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ދީފައެވެ. އެ ޕާޓީން ބުނަމުން އަންނަ ގޮތުގައި ކޯލިޝަނެއްގައި އެ ޕާޓީން ލީޑުކުރުން ނޫން އެހެން ދައުރަކަށް އެއްބަހެއް ނުވާނެއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ފާއިތުވި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އަދި، 2013 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް އެ ޕާޓީގެ ފަރާތުން ގާސިމް ވަނީ ވާދަކުރައްވައިފައެވެ. ނިމިދިޔަ 2018 ވަނަ އަހަރުގެ އިންތިޚާބުގައި އޭނާއަށް ވާދަނުކުރެއްވުނީ ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުންނެވެ.
އެކަމަކު، 2008 ވަނަ އަހަރު ވެސް 2013 ވަނަ އަހަރު ވެސް ދެވަނަ ބުރަކަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ލިބިފައެއް ނުވެއެވެ.