ގަވާއިދާ ޚިލާފަށް ކުނި މެނޭޖު ކުރުމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މާލޭ ސިޓީ ކައުންސިލް ޖޫރިމަނާ ކޮށްފިއެވެ.
މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް އެ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާތަކެއް ފެންމަތިވެފައިވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އެކަމުގެ ޝަކުވާ ގިނަ އަދަދެއްގެ އާންމުން ހުށަހެޅުމާ އެކު، އީޕީއޭއިން ވަނީ އެ މައްސަލަ ބަލާފައެވެ.
އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް އަޅާފައި ހުންނަ ކުނި، ސިޓީ ކައުންސިލްގެ މުވައްޒަފުން ނެގުމަށް ފަހު އެ ބިމުގައި ރޭގަނޑު ބަހައްޓައި، ހެނދުނު އެ ކުނިތައް އުކާލާ ކަމަށް އީޕީއޭއާ ސިޓީ ކައުންސިލާ ދެމެދު ބަދަލު ކުރި ލިޔެކިޔުންތަކުން ހާމަވާ ކަމަށެވެ.
އަދި، މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއަޅާފައިވާކަން އީޕީއޭއިން އެކި ފަހަރު މަތިން ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް އެ އޭޖެންސީން ބުނެއެވެ. އީޕީއޭއިން ބުނީ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރަނީ ކުނި މެނޭޖު ކުރުމާ ބެހޭ ގަވާއިދާ ޚިލާފަށް ކަމަށެވެ.
އެހެންވެ، އީޕީއޭއިން ވަނީ ސިޓީ ކައުންސިލް 45،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި، އެ ފައިސާ ދައްކަން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.
މީގެ އިތުރުން، އެ ބިމަށް ކުނި ޖަމާކުރުން ވަގުތުން ހުއްޓާލައި ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖު ކުރުމުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްދޭނަމަ ކުނި މެނޭޖު ކުރުމާ ބެހޭ ގަވާއިދުގެ ދަށުން ނަގަން ޖެހޭ ހުއްދަތައް ނެގުމަށާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.
މާލޭ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް މީގެ ކުރިން ސިޓީ ކައުންސިލާއި، ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަމުން އައި ނަމަވެސް، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސިޓީ ކައުންސިލުން ވަނީ އަމިއްލައަށް އެ މަސައްކަތް ކުރަން ނިންމާފައެވެ.