ސީޝެލްސްގެ ރައީސް، ރާއްޖެ ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އަދި ސީޝެލްސްގެ ރައީސް ވޭވެލް ރާމްކަލާވަން / ފޮޓޯ: ރައީސް އޮފީސް

ސީޝެލްސްގެ ރައީސް ވޭވެލް ރާމްކަލާވަން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ރަސްމީ ކޮށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް "ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ އާދިއްތަ ދުވަހުއެވެ. އަދި, މި ދަތުރުފުޅުގައި ތިން ދުވަހު އެ މަނިކުފާނު ރާއްޖޭގައި މަޑުކުރައްވާނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރަސްމީ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވި ދަތުރުފުޅުތަކުގެ ތެރޭގައި ސީޝެލްސް ހިމެނެއެވެ. މިއީ އެއަށް ފަހު ސީޝެލްސްގެ ވެރިއަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރާމްކަލާވަންގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މާލޭގެ ޖެޓީ ބަންދު ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.

އެގޮތުން ސަލާމަތީ ސަބަބުތަކަށްޓަކައި ފަޅަށް ވަދެ ނުކުތުން މަނާ ވާނެ ކަމަށާއި، އެކި ވަގުތު ތަކުގައި އެ ސަރަހައްދު ބަންދު ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

އަދި، އެ ސަރަހައްދު ފަޅުގައި އަޅާފައިވާ އުޅަނދުތައް މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ނެގުމަށާއި، ފަޅަށް ވަދެ ނުކުމެ ހެދުމުގައި މެރިން ޕޮލިހާއި ކޯސްޓުގާޑުގެ އިރުޝާދާ އެއްގޮތަށް އުޅަނދުތަކުގެ ކެޕްޓަނުން އަމަލު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް