ދަ ލިޓިލް ބިގް ފެސްޓިވަލް ކުޑަފަރީގެ ޕާޓްނަރަކަށް ދިރާގު

ކުޑަފަރީގެ ހިތްގައިމު މާހައުލުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނ. ކުޑަފަރީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ 'ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023' ގެ ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ފެސްޓިވަލް ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހަވީރެެވެ. މި ފެސްޓިވަލްގެ ތެރެއިން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ވެސް ފާހަގަކުރާނެއެވެ.

ދިރާގުން ބުނީ މި ފެސްޓިވަލް ކުރިއަަށް ގެންދިއުމުގައި ދިރާގާ އެކު އޮތް ޕާޓްނާޝިޕުގެ ތެރެއިން ދިރާގު ބްރޭންޑް އެމްބެސެޑަރު، ޒޫނާ ނަސީމް (ޒޫންޓި) އެ ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ.

އަދި، ގައިޑެޑް ސްނޯކްލިންއާއި ޑައިވިން ތަޖުރިބާ ކޮށްލުމުގެ ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

މި ކަމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ، މި ފެސްޓިވަލް ބާއްވަން ދިރާގުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތްކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއި މުޖުތަމައު ބާރުވެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގުގެ ދަށުން ޚާއްސަ އިސްކަމެއް ދީގެ ކުރަމުން ގެންދާނެ ކަންކަމެވެ.

'ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023'އަކީ ކުޑަފަރީ ކައުންސިލުން އެކި ޖަމިއްޔާތަކާ ގުޅިގެން ބާއްވާ ބޮޑު އިވެންޓެކެވެ. މި ފެސްޓިވަލްގެ ތެރެއިން މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތަކާއި ރަށު ރައްޔިތުންގެ އެކި މަސައްކަތްތައް ދައްކައިލާނެއެވެ.

އޭގެ ތެރޭގައި ދިވެހި ބޭސްވެރިކަމާއި، މިއުޒިކާއި، ކާބޯތަކެތީގެ އިތުރުން ދިވެހި ފަންނުވެރިންގެ މަސައްކަތް ވެސް ދައްކައިލާނެއެވެ.

މީގެ އިތުރުން މި ފެސްޓިވަލުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތް ކުރުމަށް މުހިންމު އުސޫލުތަކުގެ މައުލޫމާތު ހިއްސާކުރާނެއެވެ.

comment ކޮމެންޓް