ގާސިމްގެ ރަސްމީ ޖަވާބު: ރައީސާއެކު ކޯލިޝަނެއް ނުހަދާނެ

ފެބްރުއަރީ 18، 2019: ޖުޑިޝަލް އިއާ 2019ވަނަ އިފްތިތާހްކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ކޯލިޝަން ނުހަދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރަސްމީކޮށް ހާމަކުރައްވައިފިއެވެ.

އެކުގައި މަސައްކަތްކުރުމަށް ރައީސް ދެއްވި ދައުވަތަށް ޖަވާބު ދެއްވައި ގާސިމް ރައީސަށް ފޮނުވި ސިޓީގައިވަނީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށް، އެ ކެންޑިޑޭޓު ހޮވުމަށް ޓަކައި ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކޮށްދީފައިވާކަމަށެވެ.

ހަމައެއާއެކު 2008ގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓު ހޮވުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާކަމަށް ގާސިމްގެ ސިޓީގައިވެއެވެ. އަދި ގާސިމް ވިދާޅުވީ އެ ދެ ފަހަރު ވެސް ކާމިޔާބުވި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ ފަހަރު ވެސް ޖުމްހޫރީ ޕާޓީގެ ތާއީދު އެމްޑީޕީއަށް ދީފައިވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށްދޭނެކަމަށްވީ ވައުދުތަކުގެ މައްޗަށްކަމަށެވެ.

އަދި އިގްތިޞާދު ހިމާޔަތްކޮށް، އިޖްތިމާއީ ހަމަޖެހުމާއި ގައުމަށް ތަރައްގީއާއި ކުރިއެރުން ގެނެސްދޭނެކަމަށްވީ ވައުދުތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވީ ރައީސް ޞާލިޙުގެ މި ސަރުކާރުން މި ވައުދުތަކާ މެދު އަމަލުކުރެއްވި ގޮތުގެ މައްޗަށް ބިނާކޮށް އެ ޕާޓީން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކޮންގްރެސްގައި ވަކި ކެންޑިޑޭޓެއް ނެރެން ނިންމައިފައިވާ ކަމަށެވެ.

އަދި ގާސިމަކީ އެ ޕާޓީގެ ކެންޑިޑޭޓުކަމަށް ކައުންސިލުގެ އިއްތިފާގުން ކަނޑައަޅައިފައިވާއިރު އެ ނިންމުން ތަންފީޒުކުރުމުގައި ދެމިހުންނަވާނެކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އަދި ކޯލިޝަނެއްގައި އެކުގައި މަސައްކަތްކުރުމަށް ރައީސް ދެއްވި ދައުވަތަށް ގާސިމް ޝުކުރު އަދައިކުރެއްވިއެވެ.

އެކުގައި މަސައްކަތްކުރުމަށް ރައީސް ދެއްވި ދައުވަތު ގަބޫލުކޮށް މި އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމައިފައި އަދި އޮތީ އެންމެ ދެ ޕާޓީއެވެ. އެއީ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީއާއި، ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އެވެ.

މީގެ ކުރިން އެމްޑީއޭއިން ނިންމީ ރިޔާސީ ރޭހުގައި ވަކިން ވާދަކުރާށެވެ. ނަަމަވެސް އެ ޕާޓީގެ ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމީ ވަކިން ވާދަކުރުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއެކު ކޯލިޝަނެއް ހެދުންކަމަށެވެ.

ޖުމްހޫރީ ޕާޓީން ވަނީ ވަކިން ވާދަކުރާނެކަން މާ ކުރިން ހާމަކޮށްފައެވެ. އެ ނިންމުން ރަސްމީވީ މިދިޔަ ފެބްރުއަރީ މަހުގެ 23ގައި އޮތް އެ ޕާޓީގެ ކޮންގްރެސްގައެވެ.

އެ ޕާޓީން މީގެ ކުރިން ބުނި ގޮތުގައި މި ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކޯލިޝަނެއް ހަދާނީ އެ ޕާޓީން ލީޑުކުރާ ގޮތަށެވެ. އެ ނޫން ގޮތެއްގައި ކޯލިޝަނެއް ނުހަދާނެކަމަށް ބުނެއެވެ.

https://sun.mv/178465

އެއާއެކު ރައީީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުންނާއެކު އެ ޕާޓީން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

އެ މަޝްވަރާތައް އަދިވެސް ހިނގަމުން އަންނައިރު ޖޭޕީއާއި ރައީސް ނަޝީދާ ދެމެދު ކޯލިޝަނެއް ހެދޭހާ ރަނގަޅު ގުޅުމެއް އޮތްކަމަށް އެ ޕާޓީން ބުނެއެވެ.

comment ކޮމެންޓް