ރައީސް ނަޝީދާއެކު ކޯލިޝަން ހަދަން ޖެހުނަސް ތައްޔާރު: ޖޭޕީ

8 ޖޫން 2023: ގާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީއާ ދެމެދު ގުޅުން ގޯސްނުވާ ކަމަށާއި އެ ގުޅުން އޮތީ ކޯލިޝަނެއް ހަދަން ޖެހުނަސް އެ ކަން ކުރަން ތައްޔާރަށް ތިބި ހާލަތުގައިކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފިއެވެ.

އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ ރައީސް ނަޝީދާ އެކު ޖެހިފައިވާ އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

އެގޮތުން ކުރިން ފިކުރެއްގެ ދިރުމުގެ ނަމުގައި މަސައްކަތްކުރި، މިހާރުގެ ޑިމޮކްރެޓްސްއާއެކު މިހާރު ވެސް މަޝްވަރާތައް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ އެ ޕާޓީގެ ލީޑަރަށާއި ޕާޓީގެ މެމްބަރުންނަށް ވެސް އެއްބަސްނުވެވެނީ ވަކި ކަމެއްގައިކަމަށެވެ. އެއީ ބަރުލަމާނީ ނިޒާމާ ގުޅޭ ވާހަކަތައްކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދާއި އަޅުގަނޑުމެންނާ ގުޅުން ކެނޑިގެނެއް ނުދޭ. ރައީސް ނަޝީދާ އަޅުގަނޑުމެންނާ ދެމެދު އޮންނަ މަޝްވަރާތައް ދާނީ ކުރިއަަށް. އަދި އެެހެން ސިޔާސީ ޕާޓީތަކާއެކު ވެސް އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކަތައް ކުރިއަށްދަނީ،" އިލްހާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޭޕީއާ އެހެން އެއްވެސް ސިޔާސީ ޕާޓީއަކާ މައްސަލައެއް ޖެހިފައިނެތް ކަމަށެވެ.

"އަދި ރައީސް ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި ވެސް މި ޕާޓީން ތައްޔާރުވާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ނަމަވެސް އަޅުގަނޑު އެކަނިހުރެ މިތާ ދެންނެވުން ވެސް ރަނގަޅު ވާހަކައަކަށް ނުވެދާނެ. ނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ އެ ގޮތަށް އަޅުގަނޑުމެންގެ ވިސްނުން ހުރީ،" އިލްހާމް ވިދާޅުވިއެވެ.

ޖޭޕީގެ ރިިޔާސީ ޓިކެޓު ގާސިމަށް ހަވާލުކުރުން އޮތީ މާދަމާ ރޭ ކާނިވާ ސަރަހައްދުގައެވެ. އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާއިރު އަދި ކޯލިޝަނެއް އެކުލަވައިނުލައެވެ.

މީގެ ކުރިން ޖޭޕީންވަނީ ކޯލިޝަނެއް ހެދި ނަމަވެސް އެ ކޯލިޝަން ލީޑުކުރާނީ ޖޭޕީން ކަމަށް ބުނެފައެވެ. އެ ނޫން ހާލަތެއްގައި ކޯލިޝަނެއް ނުހަދާނެކަމަށް އެ ޕާޓީން މީގެ ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް