މޯލްޑިވް ގޭހުގެ ޑީއެމްޑީ ކަމުން ވަކިކުރި ސަބަބު ސާފެއް ނޫން: ޝަރީފް

މޯލްޑިވް ގޭހުގެ ޑީއެމްޑީގެ މަޤާމުން ވަކިކުރި ޝަރީފް، ދަ ޑިމޮކްރެޓްސްގެ ހަރަކާތެއްގައި އަމްރު އާ އެކު---

މޯލްޑިވް ގޭހުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި އަހުމަދު ޝަރީފް މަގާމުން ވަކިކުރި ސަބަބު ސާފުނުވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މޯލްޑިވް ގޭހުގެ ޑީއެމްޑީގެ މަގާމުންނާއި، ބޯޑު ޑިރެކްޓަރުކަމުން ވަކިކުރުމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، މޯލްޑިވް ގޭހުގައި އޭނާ އަދާކުރެއްވީ ސިޔާސީ މަގާމެއް ނޫންކަމަށާއި، އެއީ ކޮންޓްރެކްޓް އުސޫލުން އަދާކުރެއްވި ވަޒީފާއެއްކަމަށެވެ. އަދި ބޯޑް ޑިރެކްޓަރުކަމަށް އައްޔަނުކުރީ އެސްޓީއޯއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެސްޓީއޯއަކީ މޯލްޑިވް ގޭހުގެ ބޮޑު ހިއްސާދާރެވެ.

ޝަރީފް ވަނީ ދެ މަގާމުންވެސް އިއްޔެ ވަކިކޮށްފައެވެ.

"އަޅުގަނޑު ހުރީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި ސިޔާސީ މަޤާމެއްގައެއް ނޫން. އެހެން ވީމައި ސިޔާސީ ސަބަބެއް އޮވެގެން ވަޒީފާއިން ވަކިކުރަންޖެހޭ ސަބަބެއް ނުވިސްނުނު،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ގެންދަވަނީ، ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވާ "ދަ ޑިމޮކްރެޓްސް"ގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޝަރީފް ވަނީ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގައި 2019 ވަނަ އަހަރު ސިޔާސީ މަގާމެއް ފުރުއްވާފައެވެ. ނަމަވެސް 2021 ވަނަ އަހަރު އޭނާ ވަނީ އާރުޑީސީގައި އޭރު އަދާކުރަމުން އައި ޑީއެމްޑީގެ މަގާމުންނާއި، ބޯޑު މެމްބަރުކަމުން ވަކިކޮށްފައެވެ.

comment ކޮމެންޓް