ޑިއުޓީއަކާ ނުލާ އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓް ކުރެވޭ އެއްބަސްވުމެއް

މާލޭގެ މަސް މާރުކޭޓް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޑިއުޓީއަކާ ނުލާ އިނގިރޭސި ވިލާތަށް މަސް އެކްސްޕޯޓު ކުރެވޭފަދަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައެވެ.

މި އެއްބަސްވުމާ ގުޅިގެން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓުގައި ވަނީ، މިއީ ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 ޕަސަންޓު ޓެކްސް ކަނޑާލުމަށްޓަކައި ވެވޭ އެއްބަސްވުމެއް ކަމަށެވެ.

މީގެ އިތުރުން، މިއީ ވޭތުވެދިޔަ ހަތަރު އަހަރު، މެދުކެނޑުމެއްނެތި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާކަމަށް ޝާހިދު ވިދާޅުވިއެވެ.

ފްރީ ޓްރޭޑް އެއްބަސްވުމާ ގުޅިގެން ފައްޔާޒު ކުރެއްވި ޓްވީޓުގައި ވަނީ މިކަމަށް މަސައްކަތް ކޮށްދެއްވި ފޮރިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

ފައްޔާޒު ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިޞާދުގެ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލާ މަސް އެކްސްޕޯޓު ކުރުމަށް ފަހުގެ ތާރީޚެއްގައި އެޅުނު އެންމެ މުހިންމު ފިޔަވަޅުކަމަށް ވެސް ފައްޔާޒު ވިދާޅުވެފައި ވެއެވެ.

"މިކަމުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ މަސް އެކްސްޕޯޓު ކުރުމަށް ނަގާ ޓެކްސް ވަރަށް އަވަހަށް ކަނޑާލާނެކަމަށް ރައީސް ވަނީ ޖެނުއަރީ މަހު ވިދާޅުވެފައެވެ.

comment ކޮމެންޓް