ބްރަސަލްސް (08 ޖޫން 2023): ނޭޓޯގެ 21 ގައުމާއި ނޭޓޯއަށް އެހީތެރިވާ ހަތަރު ގައުމު ހިމެނޭ ގޮތަށް ޖުމްލަ 25 ގައުމު ގުޅިގެން ޔޫރަޕްގެ އިރުމަތީ ފަޅީގައާއި ހުޅަނގު ފަޅީގައި މިހާރު ކުރިއަށް ގެންދާ އަސްކަރީ ވައިގެ ތަމުރީނުތަކަކީ ދުނިޔޭގެ ގައުމުތަކަށް ދޭ ވަރުގަދަ މެސެޖުތަކެއް ހިމެނޭ ތަމްރީނު ތަކެއް ކަމަށް އެމެރިކާ ބުނެފިއެވެ.
މިކަން ހާމަކުރައްވަމުން އެމެރިކާގެ އެއާ ނެޝަނަލް ގާޑުންގެ އިސް ކޮމާންޑަރު ޖެނެރަލް މައިކަލް ލޫ ވިދާޅުވީ ނޭޓޯގެ 25 ގައުމު ދުނިޔެއަށް ދޭ އެއް މެސެޖަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އަސްކަރީ އޮޕަރޭޝަންތައް ހިންގޭވަރުގެ ވައިގެ ބާރުތައް ނޭޓޯގެ ލަޝްކަރުގައި ހުރިކަމެވެ.
ޖެނެރަލް މައިކަލް ވިދާޅުވި ގޮތުގައި ރަޝިއާ ޔުކްރެއިނާ ދެކޮޅަށް ފެށި ހަނގުރާމައާ އެކު އެނިގެން ދިޔަ އެއް ކަމަކީ ބައިނަލްއަޤުވާމީ ސްޓްރެޓީޖިކް ލޭންޑްސްކޭޕް ބަދަލުވެފައިވާ ކަމެވެ. އަނެއް ކަމަކީ ނޭޓޯ ފުޅާކުރުން ނުހުއްޓުވޭނެ ކަމެވެ.
"ޑިފެންޑާ 23" ގެ ނަމުގައި ހިންގާ ވައިގެ މި ތަމްރީނުތަކުގައި އެމެރިކާގެ 7،000 ސިފައިން ބައިވެރިވާއިރު ނޭޓޯގެ އިތުރު 20 ގައުމަކުން 17،000 ސިފައިން ބައިވެރިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ނޭޓޯގެ މަގްސަދަކީ މި ތަމްރީނުތައް މެދުވެރިކޮށް ރަޝިއާއަށް މެސެޖެއް ދިނުމެވެ. މެސެޖަކީ ނޭޓޯ ފުޅާކުރުން ނުހުއްޓުވޭނެ ކަމުގެ މެސެޖެވެ.
ރަޝިއާ ޔުކްރެއިނަށް އަރައިގަނެ ރަޝިއާ ނޭޓޯއަށް ދިން މެސެޖަކީ ރަޝިއާގެ ސަރަހައްދީ ރޮނގާ ހަމައަށް ނޭޓޯ ފުޅާކުރަމުން އަންނަ އައުން ހުއްޓުމަކަށް ގެނައުމުގެ މެސެޖެވެ. ޔުކްރެއިން ނޭޓޯއަށް ވެއްދުމަށް އެމެރިކާ ރޭވި ރޭވުންތައް ރަޝިއާ ޔުކްރެއިނަށް އަރައިގަތުމާ އެކު ވަނީ ވަގުތީގޮތުން ނަމަވެސް ހުއްޓުމަކަށް އައިސްފައެވެ.

ޖެނެރަލް މައިކަލް ލޫ
ނަމަވެސް ރަޝިއާއަށް ގޮންޖެހުމުގެ ގޮތުން އެމެރިކާވަނީ ޔޫރަޕްގެ އުތުރަށް ނޭޓޯ ފުޅާކުރުމުގައި ކާމިޔާބު ހޯދާފައެވެ. ޔޫރަޕްގެ އުތުރަށް ނޭޓޯ ފުޅާކުރުމަށްޓަކައި ފިންލެންޑާއި ސްވެޑެން އަށް މެންބަރުކަން ދިނުމަށް ނޭޓޯއިން ނިންމުމާއެކު މިދެގައުމުގެ ތެރެއިން ފިންލެންޑަށް މިހާރުވަނީ މެންބަރުކަން ލިބިފައެވެ. ސްވެޑެންއަށް މެންބަރުކަން ނުލިބިގެން އުޅެނީ އެކަމާ ތުރުކީ ދެކޮޅު ހަދާތީއެވެ.
އެމެރިކާގެ މައިގަނޑު މަގްސަދަކަށްވީ ރަޝިއާގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ އެންމެ ބޮޑު ގައުމު ކަމަށްވާ ޔުކްރެއިނަށް ނޭޓޯގެ މެންބަރުކަން ދީގެން ޔުކްރެއިންގައި އެމެރިކާގެ ހަތިޔާރު ބަހައްޓައިގެން ރަޝިއާ ވަށާލައި ހިސާރުކުރުމެވެ. ނަމަވެސް ރަޝިއާ ޔުކްރެއިންނަށް ކުއްލި ގޮތަކަށް އަރައިގަނެ ޔުކްރެއިން ހަލާކު ކޮށްލުމާ ގުޅިގެން މި ކަންވަނީ ނާކާމިޔާބުވެފައެވެ.
ނޭޓޯއިން މިހާރު ބުނަނީ ޔުކްރެއިން އޮތީ ނޭޓޯއަށް ވެއްދޭ ހާލަތުގައި ނޫންކަމަށެވެ. އަދި، އެހެން ގައުމަކާ ހަނގުރާމައިގެ ހާލަތެއްގައި އޮންނަ ގައުމަކަށް ނޭޓޯގެ މެންބަރުކަން ނުދެވޭނެ ކަމުގައެވެ.
ޔުކްރެއިން އޮތީ ރަޝިއާއާ އެކު ހަނގުރާމައިގެ ހާލަތުގައެެވެ. އަނެއްކޮޅުން ނޭޓޯގެ ގައުމެއްގައި ހުންނަންޖެހޭ އަސްކަރީ އިންފްރާސްޓްރަކްޗަރު ޔުކްރެއިންގައި މިހާރު ނެތެވެ. އެއީ ރަޝިއާއިން ޔުކްރެއިންގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗަރު ހަލާކު ކޮށްލާފައިވާތީއެވެ.
ޔުކްރެއިން ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެމެރިކާ ގެންދަނީީ ޔުކްރެއިން އަށް ހަތިޔާރާއި ތަމްރީނާ އަދި އިގްތިސާދީ އެހީތައް ދީގެން ހަނގުރާމަ ދިގުދެންމުމަށް މަސައްކަތް ކުރަމުންނެވެ.