ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޓީމަށް ދިރާގުން ޖޯޒީ ހަވާލުކޮށްފި

މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ޓީމަށް ދިރާގުން ޖޯޒީ ހަވާލުކުރަނީ

މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ޓީމަށް ދިރާގުން ޖޯޒީ އާއި ޓްރެވެލް ކިޓް ހަދިޔާކޮށްފިއެވެ.

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއަކީ ޚާއްސަ އެހީއަށް ބޭނުންވާ އެތައް ހާސް އެތުލީޓުންނެއް އެކި ކުޅިވަރުތަކުގައި ވާދަކުރާ ދުނިޔޭގެ އެންމެ ބޮޑު އިންކްލޫސިވް ސްޕޯޓްސް އިވެންޓެވެ. މިއަހަރުގެ ވޯލްޑް ގޭމްސްގައި ރާއްޖޭގެ ޓީމުން ބައިވެރިވަނީ ވާދަވެރި ދުވުމާއި ބެޑްމިންޓަންގައެވެ.

މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތުގެ ޖޯޒީ ޓީމާ ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފެވެ. އަދި ޖޯޒީ އާއި ޓްރެވެލް ކިޓް ޓީމާ ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓީމަށް ފުރުހަމަ ކާމިޔާބީއަކަށް އެދިވަޑައިގެން، މިނިސްޓަރު މަހުލޫފް ވަނީ މިކަމުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން ކުޅޭ މުހިންމު ދައުރަށް އަލިއަޅުއްވާލާފައެވެ. އަދި ދިރާގުން މިއަހަރުގެ ވޯލްޑް ގޭމްސްއަށް ދާ ޓީމަށް ވެދެއްވި އެހީ ފާހަގަކުރައްވާ އެކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ.

މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ޓީމަށް ދިރާގުން ޖޯޒީ ހަވާލުކުރަނީ

"ދިރާގުން މިއަހަރު ވޯލްޑް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޓީމަށް ފޯރުކޮށްދިން އެހީތެރިކަމަށާއި އަދި ވޭތުވެދިޔަ އަހަރުތަކުގައިވެސް އެކުންފުނިން ވެދެމުންދާ އެހީތެރިކަމަށް ވަރށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދި ވަކިން ޙާއްސަކޮށް، ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަށް ފާހަގަކޮށްލަން ބޭނުން. އެ ފެސްޓިވަލަކީ އަޅުގަނޑުމެންގެ ވަރަށް ގިނަ އެތުލީޓުންނަށް ކުޅިވަރުގެ މާހައުލަށް ނުކުތުމަށާއި މިކަމުގައި އަމިއްލަ ނަފްސަށް އިތުބާރުކުރުމަށް ދަސްކޮށްދިން ހަރަކާތެއް." ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ޗެއާޕާސަން، އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވިއެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވީ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖޭއިން ބައިވެރިވާ ޓީމަށް ސަޕޯޓުކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މުޅި މުޖުތަމަޢު ޝާމިލްވާ ގިތަށް ބާރުވެރިކުރުމަކީ އަޅުގަނޑުމެންގެ ސީއެސްއާރު ޕްރޮގްރާމްގެ ވަރަށް މުހިންމު ބައެއް. އެގޮތުން މިއަހަރުގެ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖޭއިން ބައިވެރިވާ ޓީމަށް ސަޕޯޓްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ޓީމަށް ރަނގަޅު ކާމިޔާބީއަކަށް އެދެން،"އަލީ ރިޔާޒު ވިދާޅުވިއެވެ.

ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް