އެންމެ ގިނަ ދީނީ ޕްރޮގްރާމުތައް ކުރިއަށް ގެންދިޔައީ މި އަހަރު: ނައިބު ރައީސް

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވައި ނައިބުރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ކުރިއަށް ނުގެންދެވޭ ވަރަށް މި އަހަރު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި އެ ކަމަށްޓަކައި ރާއްޖޭގެ ޢިލްމުވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން މީހުން ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން އެހެން ސަރުކާރުތަކުން މީގެ ކުރިން ކުރިއަށް ނުގެންދާހާ ގިނަ ޕްރޮގްރާމްތައް މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން އެކިއެކި ދާއިރާތަކަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަހަރު ކުރިއަށް ގެންދެވުނު ދީނީ ގިނަ ޕްރޮގްރާމްތަކަށް ބައްލަވަމުން ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ދީނީ ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ސްކޫލު ދަރިވަރުންނަށާއި އާންމުނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމެއް ކަމަށެވެ.

"މި ސަރުކާރަކީ ކޮންމެ ކަމެއްގައި ވެސް މަޝްވަރާއާއި ލަފާ ހޯދައިގެން ޤައުމު ބިނާ ކުރުމުގެ މަސައްކަތްކުރާ ސަރުކާރެއް. މި މަސައްކަތުގައި ދީނީ ޢިލްމުވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ވެސް ދެއްވާ. ކުރިއަށް އޮތް ޖީލުތަކަށް ވެސް މި ފަދައިން ޢިލްމު ފޯރުކޮށްދިނުމުގައި ޢިލްމުވެރިން ދެމި ތިއްބެވުމަކީ ވަރަށް ބޮޑު އެދުމެއް" އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެ ޖީލުތަކަކީ ހެޔޮ، އަހްލާގު ރަނގަޅު ޖީލުތަކަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި އެ ކަމުގައި ވެސް ޢިލްމުވެރިންގެ އެހީތެރިކަމުގެ މުހިންމުކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ ވަޑައިގެންނެވި ޢިލްމުވެރިންނާ ބައްދަލުކުރައްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ވާހަކަދައްކަވަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި ރަސްމިއްޔާތުގައި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އެއީ މިނިސްޓްރީ އާއި އެކީ ޢިލްމުވެރިން ކުރިއަށް ގެންދެވި ބުރަ މަސްއޫލިއްޔަތުގެ ނަތީޖާ ކަމަށާއި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދެއްވުމަށްޓަކައި ޢިލްމުވެރިން ރަމަޟާން މަހެކޭ އެއް ގޮތަށް އެހެން މަސްމަހުގައި ވެސް އުފުއްލަވަމުންދާ ޒިންމާތައް ފާހަގަކުރައްވައި އެ ކަމަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވޯކްޝޮޕްތައް ބޭއްވިފައިވާއިރު ރަމަޟާން މަހު މާލެއާއި އަތޮޅުތަކުގައި އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްސަ ކޮށްގެން އިޙްޔާ ފޯރަމްތަކުގެ ޖުމްލަ 20 ފޯރަމް ވަނީ ބާއްވާފައިވެއެވެ. އަދި، 32 މިސްކިތެއްގައި އަޞުރު ނަމާދަށް ފަހު ދަރުސް ދެއްވާފައިވާއިރު 244 ދަރުސް ޢިލްމުވެރިން ވަނީ ދެއްވާފައެވެ. އަތޮޅުތަކަށް ޚާއްސަކޮށްގެން ވަނީ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް