ހުޅުމާލޭގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހޯދަނީ

މިދިޔަ މަހު ހުޅުމާލޭގައި ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި އިތުރު މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބަޔަކު ފުލުހަކަށް ހަމަލާ ދިން ހާދިސާގައި ފުލުސް މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވެއެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކަށް އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކުރިއެވެ.

އޭގެ ތެރެއިން އުމުރުން 21 އަހަރުގެ ޒުވާނަކަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައި، 33 އަހަރުގެ މީހަކަށް ފަސް ދުވަސް، އަދި 44 އަހަރާއި 42 އަހަރުގެ ދެ މީހަކަށް ހަތް ދުވަސް ޖެހިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާރު ހޯދަމުންދަނީ ޏ. ފުވައްމުލަކު ދަޑިމަގު، ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް ކަމަށެވެ. އޭނާއަކީ 23 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ ހޯދަމުން ދަނީ ފުލުހަކަށް ހަމަލާ ދިން މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

އަންސާމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 3035335 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖޭގައި ގޭންގުތަކުގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު، ގޭންގު ހަމަނުޖެހުންތަކުގައި މީގެކުރިން އެތައް ބަޔަކު މަރާލާފައިވެއެވެ.

comment ކޮމެންޓް