މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ދިރާގުން އެމްބީބީއޭ އާ އެކު ސޮއި ކުރުމުގެ ތެރެއިން --- ދިރާގު ފޮޓޯ / ޝާބިން (ޢަދަދު)

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މިއަހަރުގެ ލީގް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކ. ތުލުސްދޫގައި ބާއްވާ ހަތަރު އިވެންޓެއްގެ ގޮތުގައެވެ. މިގޮތުން 'ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2023'ގެ ނަމުގައި ލީގުގެ ފުރަތަމަ އިވެންޓް އޮންނާނީ މި މަހުގެ 17 އިން 23އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ. ދެން އޮންނަ ތިން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ.

މިކަމާ ގުޅިގެން ދިރާގުގެ އެސިސްޓެންޓް މެނޭޖާ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ބޮޑީބޯޑިން ކުރިއަރަމުން ގޮސް، ދިވެހި އެތުލީޓުން މި ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވިފައިވާތަން ފެނުމަކީވެސް ދިރާގަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެމްބީބީއޭގެ ރައީސް، އަބްދުالله އަރީފް ވަނީ ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.

"ދިރާގުގެ ޑިޖިޓަލް އެހީތެރިކަމާއި ހައި ސްޕީޑް ކަނެކްޓިވިޓީގެ ސަބަބުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އިވެންޓްތައް އެކިކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް ގެނެސްދީ ވާދަވެރި ބޮޑީބޯޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވިކަމަށްޓަކައިވެސް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." އަބްދުالله ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް