މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހުޅުމާލެ ބޭރުން ފެނިއްޖެ

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް: ފޭސް2އާ ދިމާލު ކަނޑުން ވަނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފަ --- ފޮޓޯ/ ޒިންހުއާ

ހުޅުމާލެއާ ދިމާލުން ބޭރުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އިއްޔެ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ފޭސް2, އެޗް16އާ ދިމާލުން ކަނޑުމަތިން ކަމަށެވެ.

އިއްޔެ އިރުއޮއްސެން ކައިރިވެފައިވަނިކޮށް އެ ހަށިގަނޑު ފެނުނުއިރު އޭނާ އޮތީ ކަޅުކުލައިގެ ގިރުވާނުލީ ޓީޝާޓަކާއި ކަޅު ސޯޓަކާއި ކަޅު ބޫޓަކަށް އަރައިގެން ކަމަށެވެ.

ކާކުކަން ނޭނގޭ އެ މީހަކީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ގެއްލިގެން ހޯދަމުންދަނިކޮށް އެތަނުން އެކަކު މާލެއިން ފެނިފައިވާއިރު އޭނާއާ އެކު ދިޔަ ބިދޭސީ މީހާ މޫދަށް ވައްޓާ މަރާލި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް އިއްޔެ ފެނުނު ހަށިގަނޑަކީ އޭނާ ނޫންކަމަށް ވަނީ އެނގިފައެވެ.

comment ކޮމެންޓް