އީރާނުން އަޑަށްވުރެ ހަތް ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލެއް އުފައްދައި އެމިސައިލް ދައްކާލައިފި

ހައިޕާސޮނިކް މިސައިލެއްގެ ޕްރިންޓް އިމޭޖެއް

ތެހެރާން (07 ޖޫން 2023): އީރާނުން ފުރަތަމަ ފަހަރަށް އަޑަށްވުރެ ހަތް ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލެއް އުފައްދައި އެ މިސައިލް ދައްކާލައިފިއެވެ.

"ފައްތާހު"ގެ ނަން ދީފައިވާ އެ މިސައިލަކީ 1500 ކިލޯމީޓަރުގެ ރާސްތާގެ މިސައިލެކެވެ. މި މިސައިލް އުފައްދާފައިވަނީ އީރާނުގެ އެއަރޯސްޕޭސް އިންޑަސްޓްރީންނެވެ. އީރާނުން ޖައްވަށް ސެޓަލައިޓް ފޮނުވަން ބޭނުންކުރާ ބިޔަ ރޮކެޓްތައް އުފައްދަނީވެސް އެގައުމުގެ އެއަރޯސްޕޭސް އިންޑަސްޓްރީންނެވެ.

ތެހެރާންގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނާގޮތުގައި ހައިޕާސޮނިކް މިސައިލް ދައްކާލުމުގެ ރަސްމިއްޔާތުގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީ ބައިވެރިވެވަޑައިގެންނެވިއެވެ. މި މިސައިލް އުފައްދާފައިވަނީ އޭގެ އިންޑަސްޓްރިއަލް މަރުހަލާތަކުގައި ކުރަންޖެހޭ ތަޖުރިބާތައް ކޮށްގެންކަމަށް ވިޔަސް އީރާނުން ދައްކާލި މިސައިލް ވަރަށް އަވަހަށް ރަސްމީ ސިފައެއްގައި ތަޖުރިބާކުރާނެކަމަށް ވަނީ ބެލެވިފައެވެ.

ހައިޕާސޮނިކް މިސައިލަކަށްވަނީ އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުރުކުރާ މިސައިލްތަކެވެ. އަޑަށްވުރެ އެއްގުނައިން ފެށިގެން ހަތަރު ގުނަ ބާރަށް ދަތުރުކުރާ މިސައިލްއަކީ ސުޕާސޮނިކް މިސައިލްއެވެ.

ހައިޕާސޮނިކް މިސައިލް ޓެކްނޮލޮޖީގެ ގާބިލްކަން މިހާތަނަށް ލިބިފައިވަނީ އީރާން ހިމެނޭގޮތަށް ދުނިޔޭގެ އެންމެ ހަތަރު ގައުމަކަށެވެ. މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ހޯދާފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއަށްފަހު ޗައިނާއިންނެވެ. އެއަށްފަހު އެމެރިކާއިންނެވެ. މި ޓެކްނޮލޮޖީ ހާސިލްކުރި ހަތަރުވަނަ ގައުމަށް ވެފައިމިވަނީ އީރާނެވެ. އިންޑިއާވެސް ހައިޕާސޮނިކް މިސައިލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ އެއަރޯސްޕޭސް އިންޑަސްޓްރީ އާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ "އިރްނާ" ބުނާގޮތުން "ފައްތާހު" ހައިޕާސޮނިކް މިސައިލަކީ ދުނިޔޭގެ ވަށައިގެންވާ ފަށަލަ ކަމަށްވާ އެޓޮމޮސްފިޔާގެ ބޭރުންނާއި އެތެރެއިން ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. މި މިސައިލް ދަތުރުކުރަނީ ސޮލިޑް ފިއުލްގެ އެހީގައެވެ.

ސުޕާސޮނިކް މިސައިލް އަކީ އޭގެ ދުވެލީގެ ބާރުކަމުން ރާޑަރުތަކަށް އަރާއެއްޗެއްނޫނެވެ. އެހެންކަމުން މިހާތަނަށް ދުނިޔޭގެ ގައުމުތަކުން އުފައްދާފައިވާ މިސައިލް އައްޑަނައިގެ ނިޒާމުތަކަކީ މިބާވަތުގެ މިސައިލް ވައްޓާލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމުތަކެއްނޫނެވެ.

އެމެރިކާއިން ޔުކްރެއިންއަށް ދީފައިވާ މިސައިލް އައްޑަނައިގެ ނިޒާމު ކަމަށްވާ "ޕެޓްރިއޮޓް" ނިޒާމުވެސްވަނީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ރަޝިއާގެ ކިންޒާލް މިސައިލް ވައްޓާލުމުގައި ނާކާމިޔާބުވެފައެވެ. ރަޝިއާވަނީ ކިންޒާލް މިސައިލް ބޭނުންކޮށްގެން ޔުކްރެއިންގައިވާ އެމެރިކާގެ "ޕެޓްރިއޮޓް" ނިޒާމުތަކެއް ހަލާކުކޮށްލާފައެވެ.

އީރާނުން ހައިޕާސޮނިކް މިސައިލް އުފައްދައި އޭގެ ޓެކްނޮލޮޖީ ހާސިލްކޮށްފައި މިވަނީ ބަލިސްޓިކް މިސައިލް ނުއުފެއްދުމަށާއި އޭގެރީސާޗްތަކާގެން ކުރިޔަށް ނުދިޔުމަށް އެމެރިކާއިން އީރާނަށް ތަކުރާރުކޮށް އިންޒާރުތައްދީ ބިރުދައްކައި އަދި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.

އީރާނަށް އިސްވެ ހަމަލާދޭނެކަމަށް ބުނެ އިސްރާއީލުންވެސް ގިނަ އިންޒާރުތައް ދެމުން ގެންދާތާ ވިއްސަކަަށް އަހަރުވެއްޖެއެވެ. ނަމަވެސް އީރާނަކީ އިސްރާއީލަށް ރައްދު ހަމަލާދީ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތައް ފުނޑާލުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއްކަން އިސްރާއީލަށް ރަނގަޅަށް އެނގޭތީ އަނގަބަހުން އިންޒާރު ދިނުން ފިޔަވައި އެހެންކަމެއް އީރާނާދެކޮޅަށް ކުރާކަށް އިސްރާއީލަކަށް ނުކުރެއެވެ.

comment ކޮމެންޓް