އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުން ނަޝީދު އިސްތިއުފާ ދެއްވާނެ: ނާޒިލް

އެސްއެސްޓީވީ އިން ގެެނެސްދޭ "ބާރު ހަތަރެއް"ގައި ނާޒިލް ވާހަކަދައްކަވަނީ --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާ އެކު އެމަނިކުފާނު އިސްތިއުފާ ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީ އިން ގެެނެސްދޭ "ބާރު ހަތަރެއް"ގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، މީގެ ކުރިން ވެސް އެމަނިކުފާނު އެގޮތަށް އަމަލުކުރައްވާފައިވާ ފާހަގަކުރައްވަމުން، އެންމެ ބުއްދިވެރި ގޮތަކީ އިސްތިއުފާދެއްވުން ކަމަށެވެ. އަދި، މިހާރު އެ މަގާމުގައި ހުންނަވަން ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ ރައީސް ނަޝީދު މި ވަގުތަކު ރިޔާސަތުގައި ހުންނަވަން ބޭނުންފުޅުހެން ވެސް. އަޅުގަނޑު ގަބޫލުކުރަނީ ރައީސް ނަޝީދު މި ނޯ ކޮންފިޑެންސް ލުމާ އެކު އަމިއްލައަށް އިސްތިއުފާ ދެއްވާނެ ކަމަށް. މީގެ ކުރިން ވެސް ރައީސް ނަޝީދު އެ ގޮތަށް އިސްތިއުފާ ދެއްވައިފަވީ،" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ މިހާރު ވެސް ރައީސް ނަޝީދު މަގާމުން ވަކިކުރަން 54 މެމްބަރުންގެ ސޮއި ހަމަވެފައިވާއިރު ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން ރައީސް ނަޝީދު ގާތު އިސްތިއުފާ ދެއްވަން ވިދާޅުވުމުން އެކަން ކުރައްވާނެ ކަމަށެވެ.

"ޑިމޮކްރެޓްސްގެ ބޭފުޅުން ރައީސް ގާތު އިސްތިއުފާ ދެއްވަން ބުނާއިރަށް ހަމަ އިސްތިއުފާ ދެއްވާނެ. [މުހައްމަދު ވަހީދު] ވައްޑެ އާއި އިލްޔާސް ލަބީބާއި އަލީ އާޒިމާއި ހަސަން ލަތީފާއި، ތި ހަތަރު ތިން ބޭފުޅަކު ހަމަ އެ ވާހަކަ އެ ގޮތަށް ދައްކަވާއިރަށް ރައީސް އިސްތިއުފާދެއްވާނެ. މީގައި ދިވެހި ރައްޔިތުންނަށް ޝައްކެތް ނެތް،" ނާޒިލް ވިދާޅުވިއެވެ.

މި މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ރޫހު ހުރި ގޮތް ހާމަކޮށްދެއްވަމުން ނާޒިލް ވިދާޅުވީ ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން ހުރިހާ މެމްބަރުން ވެސް ތިބީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އޭގެ ސަބަބުތައް ވިދާޅުވަމުން ނާޒިލް ވަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމާއި އެއްވެސް ނިޒާމެއް ނެތި މަޖިލިސް ހިންގުން އާންމުވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އުސޫލުން ބޭރުން މެމްބަރުންގެ ނަން އިއްވައި ބޭރުކުރުމާއި މަޖިލީހުގެ މަސައްކަތްތަކަށް ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައި ހުރަސް އަޅުއްވައި މައްސަލަ ނާޒިލް ފާހަގަކުރެއްވިއެވެ. އަދި މިއީ އެމްޑީޕީގެ މަޖިލީސް މެމްބަރުން ބޭނުންވާ ގޮތެއް ނޫންކަމަށް ނާޒިލް ވިދާޅުވިއެވެ.

"އެމްޑީޕީން ބޭނުން ވަނީ މަޖިލިސް މަޖިލީހެއްގެ ގޮތުގައި ރަނގަޅަށް މަޖިލިސް ހިނގަން،" އޭނާ ވިދާޅުވިއެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިހާތަނަށް 54 މެމްބަރަކު ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު، މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.

comment ކޮމެންޓް