އެންމެ އަވަހަށް ބާއްވާ 241 ކޮމިޓީއެއްގައި މޮރިޝަސް ބޮޑުވަޒީރަށް ފޮނުވި ސިޓީ ހޯދަން އެދެނީ

6 ޖޫން 2023: މިއަދު އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދެން އެންމެ އަވަހަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުމެއްގައި އިމުގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީގައިވާ ވާހަކަތައް ހޯދުމަށް އެދޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކަށް މިހާރު ވެސް ވަރަށް މުހިންމު މައްސަލަތަކާއި މަސައްކަތްތައް ކުރަން ހުށަހެޅިފައި އެބަހުރިކަމަށެވެ.

ނަމަވެސް މަޖިލީހުގެ ހުރިހާ ކޮމިޓީތަކެއް އަލުން އެކުލަވައިލުމަށް މި ވަގުތު ކޮމިޓީތަކުގެ މަސައްކަތް ސަސްޕެންޑުކުރެވިފައިވާތީ މަސައްކަތްތައް ހުރީ ހުއްޓިފައިކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ [މޮރިޝަސް ބޮޑުވަޒީރަށް ފޮނުއްވި ސިޓީ]އާ ގުޅޭގޮތުން ގޮތެއް ނުނިންމިފައި އެ އޮތީ 241 ކޮމިޓީ ނުބޭއްވިގެން. 241 ކޮމިޓީ ބޭއްވޭ ފުރަތަމަ ދުވަހު، އަޅުގަނޑުު އެ ކޮމިޓީގެ ޗެއާގައި އިތުރަށް އިންނަ ކަމުގައިވަނީ ނަމަ ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ހޯދަން ވެސް 241 ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސޮޓީ ފޮނުވަން އަޅުގަނޑު މިހުރީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީ އެކުލަވައިލުމުގެ މަސައްކަތް ލަސްވަނީ ސިޔާސީ ޕާޓީތަކަށް އެއްބަސްނުވެވޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވަނީ އެ ޕާޓީއަކުން މަޖިލީހުގައި ތިބި މެމްބަރުންގެ ނިސްބަތާ އެއްވަރަށް ކޮމިޓީތަކުން ޖާގަ ހަމަޖެއްސުމަށްކަމަށެވެ.

"މިއަދަކީ ވެސް އެ ކޮމްޕޮޒިޝަން ފާސްކުރެވޭނެ ދުވަހެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަނީ. ނަމަވެސް އެ ކަން ނުކުރައްވާ އެއޮތީ. އެ ކަން ނުކުރައްވާ ކޮންމެ ދުވަހަކީ މަޖިލީހުގެ މަސައްކަތް ހުއްޓިގެންދާނެ ދުވަހެއް ކަމުގައި އަޅުގަނޑުމެން ދެކެނީ،" އަސްލަމް ވިދާޅުވިއެވެ.

މިއަދު އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިި މައިގަނޑު ވާހަކައެއްގެ ގޮތުގައި ހާމަކުރީ މަޖިލިސް ރައީސް މުހައްމަަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް މަސައްކަތް ފެށި ވާހަކައެވެ.

އަސްލަމް ވިދާޅުވީ މެޖޯރިޓީގެ ސޮއި ހަމަވުމާއެކު ރައީސް ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާނެކަމަށެވެ.

comment ކޮމެންޓް