ނިއުދިއްލީ (06 ޖޫން 2023): އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާ ރަޝިއާއާ ދުރުކުރުމުގެ ޕްލޭނެއް ހިއްޕަވައިގެންކަމަށް ރިޕޯޓްތައް ބުނެފިއެވެ. ލޮއިޑް އޮސްޓިން އިއްޔެވަނީ އިންޑިއާއަށް ވަޑައިގެން އެގައުމުގެ ދިފާއީ ވަޒީރު ރަޖްނަތު ސިންގް އާ ބައްދަލުކުރައްވާފައެވެ.
އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮސްޓިން އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ މަސްއޫލުވެރިންނާ މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށެވެ. މިއީކޮން މަޝްވަރާތަކެއްކަން ސާފުނުވިނަމަވެސް އެރިޕޯޓްތައް ބުނާގޮތުން އޮސްޓިންގެ ދަތުރުފުޅު ގެ އަމާޒަކީ ރަޝިއާއާއި އިންޑިއާގެ ގުޅުންތައް އާދަޔާ ޚިލާފަށް ބަދަހިވަމުންދާތީ އެކަމަށް ހުރަސްއެޅުމާއި ޗައިނާއާ ކުރިމަތިލުމުގައި އިންޑިއާގެ އެއްބާރުލުން ހޯދުމެވެ.
އޮސްޓިންގެ ދަތުރުފުޅުގައި އެމެރިކާގެ ޓެކްނޮލޮޖީގައި ޖެޓް އިންޖީނު އުފެއްދުމުގެ ފުރުސަތު އިންޑިއާއަށް ދިނުމާބެހޭ މުހިއްމު މަޝްވަރާތަކެއް ހިމެނޭކަމަށްވެއެވެ. މިކަންކުރަނީ އެމެރިކާގެ ބިޔަ ކުންފުންޏެއްކަމަށްވާ ޖެނެރަލް އިލެކްޓްރިކް ކޮމްޕެނީ މެދުވެރިކޮށެވެ. ޖެނެރަލް އިލެކްޓްރިކް އަކީ ޖެޓް އިންޖީނު އުފެއްދުމުގެ އިތުރުން މަތީފެންވަރުގެ ޓެކްނޮލޮޖީގެ ގިނަ އުފެއްދުންތަކެއް އުފައްދާ ކުންފުންޏެކެވެ.
ޖެނެރަލް އިލެކްޓްރިކް ގެ ގޮތްޕެއް އިންޑިއާގައި ހުޅުވައި ޖެޓް އިންޖީނު އުފައްދާ ކާރުޚާނާ އެއް ބިނާކޮށް އެމަސައްކަތުގައި އިންޑިއާގެ އިންޖިނޭރުންނާއި ޓެކްނީޝަނުންނާ އަދި މަސައްކަތު މީހުން ބައިވެރިކުރުމާބެހޭގޮތުން އޮސްޓިންގެ ދަތުރުފުޅުގައި އިންޑިއާއާއެކު އެއްބަސްވުމަކަށް އައުމަށްވަނީ ހަމަޖެހިފައެވެ. މިކަމާބެހޭގޮތުން އެމެރިކާ ސަރުކާރުންވަނީ ޖެނެރަލް އިލެކްޓްރިކް ކޮމްޕެނީ އާވެސް މަޝްވަރާކޮށްފައެވެ.
އެމެރިކާއަކީ ޖެޓް އިންޖީނު އުފެއްދުންފަދަ ޒަމާނީ ޓެކްނޮލޮޖީގެ ސިއްރުތައް އެހެން ގައުމުތަކާ ހިއްސާކުރާ ގައުމެއް ނޫނެވެ. އެއީ އެފަދަ ދާއިރާތަކުގައި އެމެރިކާއަށް ލިބިފައިވާ ޚާއްސަކަމާއި މޮނޮޕޮލީ ގެއްލި އެމެރިކާއަށް ލިބޭ ވިޔަފާރިގެ ފައިދާތައް ކުޑަވެދާނެތީއެވެ.
ޖެޓް އިންޖީނު އުފެއްދުމުގެ ޓެކްނޮލޮޖީ އިންޑިއާއަށް ދޭން މިހާރު އެމެރިކާ ބޭނުންވާ މައިގަނޑު ސަބަބަކީ ރަޝިއާގައި އުފައްދާ ޒަމާނީ އަސްކަރީ ފައިޓާޖެޓް އުފެއްދުމުގައި އިންޑިއާ ބައިވެރިކުރަން ދާދިފަހުން ރަޝިއާ ނިންމި ނިންމުން ނާކާމިޔާބުކޮށްލުންކަމަށްވަނީ ބެލެވިފައެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ބޭނުމަކީ ޖެޓް އިންޖީނު އުފެއްދުމުގެ ޓެކްނޮލޮޖީ އިންޑިއާއަށް ދީގެން އިންޑިއާ ރަޝިއާއާ ދުރުކުރެވޭނެ ގޮތެއް ހޯދުމެވެ. މިގޮތުން އެމެރިކާއިން ޖެޓް އިންޖީނު އުފެއްދުމުގެ ޓެކްނޮލޮޖީ އިންޑިއާއަށް ދިނުމުން ރަޝިއާގައި އުފައްދާ އަސްކަރީ ފައިޓާޖެޓް އުފެއްދުމުގައި އިންޑިއާ ބައިވެރިކުރަން ރަޝިއާ ދީފައިވާ ފުރުސަތު ދޫކޮށްލައި ރަޝިއާއާ ދުރުވުމަށް އޮސްޓިންގެ ދަތުރުފުޅުގައި އިންޑިއާއަށް ބާރުއަޅުއްވާނެކަމަށް ވަނީ ބެލެވިފައެވެ.
އިންޑިއާއަކީ ސަރަހައްދީ ބާރަކުން ދުނިޔޭގެ ފެންވަރުގެ ބާރަކަށް ބަދަލުވާން މަސައްކަތްކުރާ ގައުމެކެވެ. އަދި އިންޑިއާއަކީ އަބަދުވެސް އަމިއްލަ މަސްލަހަތު އިސްކުރާ ގައުމެކެވެ. އަމިއްލަ މަސްލަހަތެއްނެތްނަމަ ހުޅަނގުގެ ބާރުތަކަށް ދޫދޭ ގައުމެއްނޫނެވެ. ފައިދާ ލިބެންއޮތް ކޮންމެ ފަރާތަކުން ފައިދާ ނެގުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.
އިންޑިއާ ރަޝިއާ އާ ގާތްވެގެން އުޅޭ މައިގަނޑު ސަބަބަކީ ރަޝިއާގެ ތެލާއި ގޭސް އަގުހެޔޮކޮށް ލިބުމެވެ. އަނެއް ސަބަބަކީ ޒަމާނުއްސުރެ އިންޑިއާ ސިފައިން ބޭނުންކުރާ ހަތިޔާރުގެ ގާތްގަނޑަކަށް 80 އިންސައްތަ އަކީ ރަޝިއާގެ އުފެއްދުމާއި ޓެކްނޮލޮޖީ ކަމަށްވާތީ އެތަކެއްޗަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމަށް ރަޝިއާއަށް ބަރޯސާވާން ޖެހުމެވެ. އިންޑިއާ މިހާރު ބޭނުންވަނީ އެގައުމުގައިވާ ރަޝިއާގެ ހަތިޔާރަށް ބޭނުންވާ ސްޕެއާ ޕާޓްސް އިންޑިއާގައި (އިންޑިއާގެ ކުންފުނިތަކުން އަމިއްލައަށް) އުފައްދާނެ ޓެކްނޮލޮޖީ ރަޝިއާ އަތުން ހޯދުމެވެ.
އެހެންކަމުން އެމެރިކާއިން ޖެޓް އިންޖީނު އުފެއްދުމުގެ ޓެކްނޮލޮޖީ އިންޑިއާއަށް ދިން ނަމަވެސް ރަޝިއާގައި އުފައްދާ ޒަމާނީ އަސްކަރީ ފައިޓާޖެޓް އުފެއްދުމުގައި އިންޑިއާ ބައިވެރިކުރަން ރަޝިއާ ދީފައިވާ ފުރުސަތު އިންޑިއާއިން ދޫކޮށްލުމަކީ މުސްތަހީލު ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާއަކީ ވަކި ހާލަތްތަކެއްގައި އެމެރިކާގެ ބައިވެރިއެއް ނަމަވެސް މި ބައިވެރިވުން އޮންނަނީ މައިގަނޑު ގޮތެއްގައި ޗައިނާއާ ކުރިމަތިލުމުގެ ދާއިރާގައި އެކަންޏެވެ. ރަޝިއާއާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ސިޔާސަތަށް އިންޑިއާ އެއްވެސް ވަރަކަށް އެއްބާރުލުމެއް ނުދެއެވެ.
ކަންމިހެން އޮތްކަމަށްވިޔަސް ޗައިނާއާ ދެކޮޅަށް ހަރަކާތްތެރިވުމުގައި އިންޑިއާގެ އެހީތެރިކަމަށް އެމެރިކާ އިންތިހާއަށް ބޭނުންވެެއެވެ. އެހެންކަމުން މިކަމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމަށްޓަކައި އިންޑިއާ ބޭނުންވާ ޓެކްނޮލޮޖީގެ ސިއްރުތައް އިންޑިއާއަށް ދޭން އެމެރިކާއަށް ވަނީ މަޖުބޫރުވެފައެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އިންޑިއާއަށް ކުރައްވާ ދަތުރުފުޅާބެހޭގޮތުން ޕެންޓަގަންގެ ތަރުޖަމާނު ވަނީ މިއީ ވަރަށް މުހިއްމު ދަތުރުފުޅެއްކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް ޖެޓް އިންޖީނު އުފެއްދުމުގެ ޓެކްނޮލޮޖީ އިންޑިއާއަށް ދިނުމާބެހޭގޮތުންނާ އަދި އިންޑިއާ ރަޝިއާއާ ދުރުކުރުމާބެހޭ ގޮތުން އިންޑިއާގެ މަސްއޫލުވެރިންނާ އޮސްޓިން މަޝްވަރާ ކުރައްވާނެކަން ޕެންޓަގަންއިން ހާމައެއް ނުކުރެއެވެ.
އިންޑިއާއަކީ ޗައިނާއާ ކުރިމަތިލުމަށް އެމެރިކާ އުފައްދާފައިވާ ޖަމާއަތެއްކަމަށްވާ ކުއަޑް ގުރޫޕުގެ މެންބަރެކެވެ. އަނެއްކޮޅުން އިންޑިއާއަކީ އެމެރިކާގެ ޑޮލަރުގެ ބަދަލުގައި ބައިނަލްއަގްވާމީ އެހެން ފައިސާއެއް ވުޖޫދަށް ގެންނަން މަސައްކަތްކުރާ ބްރިކްސް ޖަމާއަތުގެ ފައުންޑާ މެންބަރެއްވެސް މެއެވެ.