ތިމާވެށީގެ ދުވަހާ ދިމާކޮށް އެމްޑަބްލިއުއެސްސީގެ ޙާއްސަ ޙަރަކާތްތަކެއް

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ދަށުން ޚާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.

އެ ކުންފުނީގެ އޮޕަރޭޝަންތައް ހިނގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހިންގި މި ޚާއްސަ ކެމްޕެއިނުގެ ދަށުން އެ ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ޚާއްސަ ހަރަކާތެއް އިއްޔެ ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތް ފައްޓަވައި ދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް އަދި އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރް އަބްދުލް ރަހްމާންއެވެ.

މީގެ އިތުރުން ހދ.ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި މި މަހުގެ އެކަކުން މި މަހުގެ ހައެއްގެ ނިޔަލަށް ތިމާވެށްޓާއި މެދުގައި އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް އެ ކުންފުނިން ވަނީ ހިންގާފައެވެ. މިގޮތުން، ކުޅުދުފުށި ސިޓީ ކައުންސިލާއި ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ.

ޢާންމުންގެ ބޮޑު ތަރުޚީބެއް ލިބުނު މި ޙަރަކާތުގައި މި ހަރަކާތުގައި ކުޅުދުއްފުށީގެ 20 އަކަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާ ޖަމާޢަތްކުން ބައިވެރިވިއެވެ.

އަދި، އެ ސިޓީގެ ސުކޫލްތަކުގައި ކިޔަވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި އަދި ސާފު ބޯފެނާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގައި، އަދި "ފެން ފިޔެސްޓާ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވެސް އެކުންފުނިން ވަނީ ބާއްވާފައެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ، "ނަލަ ވެށި" ކެމްޕޭންގެ މަގްސަދަކީ ރައްކާތެރި ކަމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިއްވަރުދީ، ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުން ކަމަށެވެ. އަދި، އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާނީ އެ ކުންފުނީގެ އޮޕަރޭޝަންތަކުގައި ތިމާވެއްޓާއި ވީހާ ވެސް ރައްޓެހި ގޮތްތައް ހިޔާރުކޮށް އީޖާދީ ކުންފުންޏަކަށް ވުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް