ދަރިފުޅަށްޓަކައި ވާ ގުރުބާނީ: ޔޫސުފަކީ މި ދެމަފިރިންގެ ދުނިޔެ!

ރ. ދުވާފަރުން، ޢާލިމް އަބްދުއްލަތީފް

ބޯ ވިއްސާރައިގެ ތެރޭގައި ގޮސް އެ ގެއަށް ވަދެވުނު އިރު ހުރީ މުޅިން ހެން ތެމިފައެވެ. އެކަމަކު، އެއިން ކަމަކާ ވިސްނައިނުލެވި އުޅެނިކޮށް ފެނުނީ ތުއްތުތުއްތު ކުއްޖަކު އުރައިލައިގެން އޭނާގެ މަންމަ އައި ތަނެވެ.

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ލޯބި އެ ކުއްޖާއަށް ވަނީ ލިބިފައެވެ. އެއީ، ޔޫސުފް ހާމިދު މުހައްމަދެވެ.

އެންމެ ތުއްތު އިރުގައި ދިމާވި ހިތާމަވެރި ކަމެއްގެ ސަބަބުން ދަތި ދުވަސްތަކެއް ޔޫސުފަށް ގުނަން ޖެހުނެވެ. އެކަމަކު، އޭރު ވެސް އޭނާގެ ގާތުގައި ދެ ގޮތެއް ނުވެ ތިބީ މަންމަ، އާއިޝަތު އާސިދާ އާއި ބައްޕަ ހާމިދު މުހައްމަދެވެ.

މިއަދު ވެސް ތަފާތެއް ނެތެވެ. އެ ދެމަފިރިން ޔޫސުފް ގޮވައިގެން އެ ތިބީ ހިނިތުންވެލައިގެންނެވެ. އެ ދެ މަފިރިން ބުނާ ފަދައެވެ. އަހަރެމެން ދެ މީހުންގެ ހުރިހާ ވެސް އުފަލަކީ ޔޫސުފެވެ. ޔޫސުފަށް ޓަކައި ކިތަންމެ ބޮޑު ގުރުބާނެއް ވާން ވެސް ތިބީ ތައްޔާރަށެވެ.

އެ ދެމަފިރިން ބިނާކޮށްފައިވާ އެ "ގަނޑުވަރު" ތެރޭގައި ތިބި އަހަރެމެންނަށް އެ ވާހަކަތައް ހިއްސާކުރަން ފެށިއެވެ.

އެކަމަކު، ލޮލުން ނީރާލި ކަރުނަތަކާ އެކު ފުރަތަމަ ވެސް އާސިދާއަށް ކުރިއަކަށް ނުގެންދެވުނެވެ. ދެ ފަހަރަކު މޫނު މަތީގައި އަތް އެޅުމަށް ފަހު ހުއްޓުނީއެވެ. ހާމިދު ވާހަކަ ފެށިއެވެ. ޔޫސުފަކީ އެ ދެމަފިރިންގެ ދެވަނަ ދަރިފުޅެވެ. 2020ވަނަ އަހަރު ޔޫސުފް ސިޒޭރިއަން ހަދައިފައި ނެގީއެވެ.

"ނެގި ގޮތަށް ފުރަތަމަ ވެސް ގެންގޮސް ނަގައިގެން ވެންޓިލޭޓަރަށް ލީ،" ހާމިދު ކިޔައިދިނެވެ.

ވެންޓިލޭޓަރަށް ލައިފައި ބޭއްވުމަށް ފަހު އިރުކޮޅެއްގެ ތެރޭގައި އެންއައިސީޔޫއިން ހާމިދަށް ގުޅިއެވެ. ގުޅައި ގެންގޮސް ވާހަކަ ދެއްކިއެވެ.

"އަޅުގަނޑަށް އެންގީ ޔޫސުފްގެ ބޯ ދެ އިއްޗިއަށް ކަފައިގެން ގޮސްފައި އޮތް ކަަމަށް. ދެން ބުނީ ޔޫސުފްގެ ބޯ ނުފަހައި އެއްވެސް ގޮތަކަށް ރަނގަޅު ނުކުރެވޭނެ ކަމަށް،" ހާމިދު ކިޔައިދިނެވެ.

ހާމިދު ދިނީ ސާފު ޖަވާބެކެވެ. ދަރިފުޅު ސަލާމަތް ކުރުމަށްޓަކައި ޑޮކްޓަރުން ދޭ ފަރުވާއަކަށް ރުހި ގަބޫލެވެ. އެ ހިސާބުން އެ ތަން ފެހީއެވެ.

"ދެ ތިން ދުވަހެއް ފަހުން އެންގީ ކުއްޖާގެ ހާލަތު ވަރަށް ބޮޑަށް ދަށްވާ ކަމަށް، ލޭ ވެސް ދަށްވާކަމަށް ލޭ ވެސް މަދުވާކަމަށް،" ހާމިދު ކިޔައިދިނެވެ.

ޔޫސުފްގެ ގައިގައި ހުރީ ބީ ޕޮޒިޓިވް ލެއެވެ. ވަރަށް މަސައްކަތް ކޮށްގެން ވެސް އެ ވައްތަރުގެ ލޭ ލިބޭ ގޮތެއް ނުވިއެވެ. ހަދާނެ ގޮތް ހުސްވެ ޑޮކްޓަރުންގެ ގާތުގައި ހާމިދު އެ ވާހަކަ ބުންޏެވެ. ދެން ޑޮކްޓަރުން ލަފާ ދިނީ އޯ ޕޮޒިޓިވް ލޭ އެޅުމަށެވެ. މަންމަގެ ލޭ ދަރިފުޅާ ގުޅޭނެތީއެވެ.

"އެއް މަސް ވެސް ނުވަނީސް އަށް ފަހަރު ލޭ އެޅިން ޔޫސުފް ގަޔަށް،" ހާމިދު ބުންޏެވެ.

ޔޫސުފްގެ، ކުރިން ނަގައިފައިވާ ފޮޓޯއެއް --

ޔޫސުފް ނެގީ ސިޒޭރިއަން ހަދައިގެން އާސިދާގެ ބަނޑަށް ހަތް މަހުގައެވެ. ކުއްޖާ ނެގުމުގެ ތެރޭގައި އޭނާގެ ބޮލުން ބައެއް ކަފައިގެން ދިޔައީއެވެ.

"ޔޫސުފަށް 12 ވަނައަށްވީ ދުވަހު އެނގުނީ ދަރިފުޅުގެ ބޯ ބޮޑުވަމުން ދާކަން. ޔޫސުފަށް ވެސް ތަފާތު ބަދަލުތައް އަންނާތީ ފާހަގަވީ،" އާސިދާ ކިޔައިދިނެވެ.

އޭރު އައިޖީއެމްއެޗްގައި ނާރުގެ ޑޮކްޓަރެއް ނެތެވެ. އެހެންވެ، އޭޑީކޭގައި އިން ނާރުގެ ޑޮކްޓަރަށް ދައްކަން ވެންޓިލޭޓަރުގައި އެ ހޮސްޕިޓަލަށް ބަދަލުވިއެވެ.

"ގެންދިޔަ ދުވަހު ފިޓު ވެސް ޖެހުނު،" އާސިދާ ބުންޏެވެ.

އެ ދުވަހު ވެސް ކުޑަކުޑަ އޮޕަރޭޝަނެއް ކުރިއެވެ. ނަމަވެސް، ކުރަން ޖެހޭ ބޮޑު އޮޕަރޭޝަން ކުރެވޭނެ ކަމަށް ބުނީ ފަސް ކިލޯ ހަމަވުމުން، ނުވަތަ ފަސް މަސް ވުމުންނެވެ.

"އޭރު ދަރިފުޅު ގެންގުޅޭއިރު ދަރިފުޅު ބޯ ހިއްލާލާއިރު ހިއްލާލާނީ ބާލީހެއް ބޭނުން ކޮށްގެން. ފެން ހަމަކަށް ފެން އަޅާފައި ހުންނައިރު އަތްމައްޗަށް ލީމަ އިނގިލިތައް ވަދެގެން ދާގޮތަށް ބޮލަށް އިނގިލިތައް ދަނީ ވަދެގެން،" ހާމިދު ކިޔައިދިނެވެ.

"ބާލީސް ބާއްވައިފައި ބާލީހުގެ އަތްދަށަށް އަތް ލައިފައި ހިއްލައިލަނީ. އެ ގޮތަށް ދަރިފުޅު ހިއްލައިލަނީ،"

އެ ދުވަސްވަރު އެ ދެމަފިރިންނަށް ދިމާވި އަނެއް ދައްޗަކީ ކޮވިޑުގެ ދައްޗެވެ. އޭރު ޔޫސުފް ބައްލަވާ ޑޮކްޓަރު ވެސް ހުންނެވީ ކަރަންޓީނުގައެވެ. އެހެން ނަމަވެސް، މާލޭގައި އިތުރަށް ތިބޭނެ ތަނަވަސް ކަމެއް އެ ދެމަފިރިންގެ ނެތެވެ.

"ދެން ޑޮކްޓާރަށް ގުޅާފައި އަޅުގަނޑުމެން ބުނިން ދެން ނެތޭ މަޑު ކުރެވޭކަށް. ދެން ރަށަށޭ ދާން ޖެހޭނީ،" ހާމިދު ބުންޏެވެ.

"ޑޮކްޓަރުން ބުނީ އެހީއެއް ހޯދައިގެން ވެސް މަޑުކޮށްލާށޭ،"

އާސިދާ ކިޔައިދިން ގޮތުގައި އެހީއެއް ހޯދުމަށް ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއަކާ އެކު ކުޑައިރުކޮޅެއްގެ ތެރޭގައި އެ މީހުންނަށް ގުޅުއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ފައިސަލްގެ އަރިހުގައި ހުރިހާ ވާހަކައެއް ދެންނެވުމުން އެންސްޕާގެ އެހީތެރިކަން ލިބޭނެ ގޮތް ހަމަޖައްސަވައިދެެއްވިއެވެ. އަދި، ހަމަ އެ ދުވަހު އެޑްމިޓް ވާން ދާން އޭޑީކޭއިން ގުޅިއެވެ.

އެ ދުވަހު ކޮވިޑް ޓެސްޓު ހެދުމަށް ފަހު ޖެހިގެން އައި ދުވަހު ޔޫސުފްގެ އޮޕަރޭޝަން ކުރެވުނީއެވެ.

"ބޮލުން ފަށައިގެން ބަނޑާ ހަމައަށް ހޮޅި ގުޅީ. ބޮލުގައި އުފެދޭ ފެން ބަނޑަށް ދާ ގޮތަށް،" ހާމިދު ކިޔައިދިނެވެ.

"ޑޮކްޓަރުން ބުނަނީ ޔޫސުފްގެ ބޮލުގައި ފެން ދައުރުކޮށްދޭ ސެލްތައް ބެދިފައި ހުރީ ކަމަށް. އެ ސެލްތައް ބެދިފައި ހުރީމަ ހޮޅި ލައިގެން ޖެހޭނީ ހަށިގަނޑަށް އަޅަން،"

އޮޕަރޭޝަން ކުރުމުގެ ކުރިން ޔޫސުފްގެ ބޮލުގައި ދުޅަވެފައި ވަރަށް ބޮޑަށް ތަނެއް އިނދެއެވެ. އެ ދެމަފިރިން ސިފަކޮށްދިން ގޮތުގައި ބޮޑު މުލިއްސެއް ގޮތަށެވެެ.

"އޮޕަރޭޝަން ކުރުމުގެ ކުރިން ސިރިންޖުން ފެން ނަގަނީ،"

ދަރިފުޅަށް ދޮޅު އަހަރު ވަންދެން ވެސް ދެމަފިރިން ހޭދަކުރީ ދަތި ދުވަސްތަކެކެވެ. އޮޕަރޭޝަނަކަށް ފަހު އޮޕަރޭޝަނެކެވެ. އެންމެ ފަހުން މާލޭގައި މިދިޔަ އަހަރު ހޭދަކުރި ދުވަސްތަކުގައި ވެސް ހަތަރު އޮޕަރޭޝަން ޖެހިޖެހިގެން ކުރިއެވެ.

އެ އޮޕަރޭޝަންތަކަށް ފަހު މި ރަށަށް އައިސް އުޅެނިކޮށް އަނެއްކާ ޔޫސުފްގެ ހާލު ދެރަވީއެވެ. ހޮޑުލެވެނީއެވެ.

"ޑޮކްޓަރު ކައިރީ ބުނީމަ ބުނީ ހޮޑުލާ ކަމަށް ވަންޏާ ބޯ ބޮޑުވާނޭ. އަންނާށޭ،" އާދިސާ ކިޔައިދިނެވެ.

"ދެން މާލެ ގޮސް ސީޓީ ސްކޭން ހަދައިގެން ބެލިއިރު އިނީ އެ ހޮޅި ބެދިފައި. ދެން އަނެއް ފަޅިއަށް ހޮޅި ލެއްވީ،"

ޔޫސުފް: ކުރިން ނަގައިފައިވާ ފޮޓޯއެއް --

ދަރިފުޅުގެ ފަރުވާއަށް މި ދެމަފިރިން ތިން ފަހަރަށް ރާއްޖޭން ބޭރަށް ވެސް ގޮސްފިއެެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް 2021ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިޔައެވެ. މިހާރު ބޭރުން ވެސް ދެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ހަށިގަނޑަށް ހޮޅި ލައްވަން ނުޖެހޭ ގޮތަށް ކަރުން މަގެއް ހެދުމަށް ޑޮކްޓަރުން މަސަައްކަތް ކުރިކަމަށް ހާމިދު ކިޔައިދިނެވެ. އަދި، އެގޮތަށް އެ ކަން ކުރުމަށް ފަހު ތިން މަސް ފަހުން އިންޑިއާއަށް އެނބުރި ދާން ބުނި ކަމަށް ވެސް ހާމިދު ކިޔައިދިނެވެ.

"ދިޔައިރު ނަމަކަށް ނުބެދި އިނީ. ދެން ޑޮކްޓަރު ބުނީ ވަރަށް ދެރައޭ. ތިމަންނާ މިހާތަނަށް ކަރުން މި ގޮތަށް ހެދި މަގެއް މިހާ އަވަހަކަށް ނުބެދެެއޭ،" ހާމިދު ކިޔައިދިނެވެ.

އެހެންވެ، ހޮޅި ނެގޭ ގޮތެއް ނުވިއެވެ. އެހެން ނަމަވެސް ރާއްޖޭން ލެއްވި ހޮޅި ބެދިފައި ވާތީ އިތުރު ހޮޅިއެއް ލެއްވިއެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އާސިދާ ބުނީ، ގޭގައި އޭރު ވެސް ޑޮކްޓަރު އެދުނީ ތިން މަސް ކޮށްފައި އަނެއްކާ ވެސް ފަރުވާއަށް އެ ކޮޅަށް ދިއުމަށެވެ. އެއީ، ޔޫސުފްގެ ހަށިގަނޑުގައި އޭރު ލައްވައިފައިވާ ހޮޅި ނުނަގާ ވާތީ އެ ނެގުމަށެވެ.

"ބެދިފައި އިން ހޮޅި ނަގަން ޖެހޭނޭ ޑޮކްޓަރުން ބުނީ. އެހެން ނަމަވެސް ދެ ފަޅި ކަފާ ނުލަން ވެގެންނޭ ބޭންދީ،" އާސިދާ ކިޔައިދިނެވެ.

އެހެން ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭރަށް ދާން ޖެހޭއިރު، އަދިވެސް އެ ދެމަފިރިންނަށް އެ އުޅެނީ ދަރިފުޅުގެ ފަރުވާއަށް ބޭރަށް ނުފުރިގެންނެވެ. ހާމިދަކީ ފާނަ މަސްވެރިކަން ކުރާ މީހެކެވެ. މާ ބޮޑު ފޯރުންތެރިކަމެއް ނެތުމުން މިއަދު ދަރިފުޅު ގޮވައިގެން ފަރުވާއަށް ފުރޭނެ ފަދަ ވެސް އޭނާއަށް ނެތެވެ.

"ޑޮކްޓަރުން ބުނީ ހިތްވަރާ އެކު ފަރުވާތެރިކަމާ އެކު މަސައްކަތް ކޮށްފިނަމަ މުޖުތަމައުގައި ޔޫސުފަކީ ނޯމަލް ކުއްޖެއްގެ ގޮތުގައި އަންނާނޭ،" ހާމިދު ބުންޏެވެ.

"އެކަމަކު އަޅުގަނޑު މިއަދު މި އިނީ ނުދެވިފައި،"

އެ އަޑުގައި ވަނީ މާޔޫސީ ކަމެވެ. ގައިމު ވެސް މިއީ މަޔަކާއި ބަފައަކަށް ހިތްދަތި އިހުސާސްތަކެކެވެ. ދަރިފުޅަށް ޓަކައި ވާ ގުރުބާނީއެކެވެ.

"ވަރަށް ހިތަށް އިހުސާސް ކުރެވޭ. އަޅައިލާނީ ކާކު ބާވައޭ. ދެކޭނީ ކާކު ބާވައޭ. ދެ ފަރާތުގެ އާއިލާއަކީ ވެސް ވަރަށް ނިކަމެތި ދެ އާއިލާ،" ހާމިދު ބުންޏެވެ.

އާސިދާ ވެސް ބުނީ ޔޫސުފްގެ އެ ހާލަށް އޭނާ ވެސް ދެރަވާ ކަމަށެވެ. އެހެންނަމަވެސް، ދަރިފުޅަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއަކަށް އޭނާ ހުރީ ތައްޔާރަށެވެ.

"ދެން ވަރަށް ދެރަވޭ. ބޭނުންވޭ ދޮށީ ކުއްޖާއާ އެކު އެގޮތަށް ޔޫސުފް ވެސް އުޅޭތަން ބަލަން،" އާސިދާ ބުންޏެެވެ.

އަހަރެމެން އެ ގެއަށް ގޮސް ޔޫސުފާ އެކު ހޭދަކުރި ވަގުތު ތަކުގައި ވެސް ގުރުއާނުގެ އާޔަތްތައް ވަރަށް ގިނައިން ކިޔަވައެވެ. އައްނަސްރު ސޫރަތުގެ އާޔަތްތައް ވަރަށް ގިނައިން ކިޔަވައެވެ.

ޔޫސުފާއި އޭނާގެ އާއިލާ "ސަން"ގެ ނޫސްވެރިޔާ ޢާލިމާ އެކު -- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް

"ގުރުއާނަށް ޔޫސުފް ވަރަށް ޝައުގުވެރިކަން ހުރޭ. އަބަދު ވެސް ގުރުއާން ކިޔަވާލަ ކިޔަވާލަ ހުންނާނީ،" އާސިދާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޔޫސުފާ އެކު ހޭދަކޮށްލެވޭ ކޮންމެ ވަގުތަކީ ވެސް އުފާވެރި ވަގުތެކެވެ. ހިތްހަމަޖެހޭ ވަގުތެކެވެ.

"އަޅުގަނޑަށް އިހުސާސެއް ނުކުރެވޭ ބަލި ކުއްޖެއް ގޮތުގައި. ހަމަ ނޯމަލް ކުއްޖެއް ގޮތުގައި ބަލައިގެން މި އުޅެނީ،" އާސިދާ ބުންޏެވެ.

މި ދެމަފިރިންގެ ހުރިހާ ވަގުތެއްހެން ހުސްކުރަނީ މި ދަރިފުޅަށްޓަކައެވެ. ހާމިދު ވެސް މަސައްކަތުގައި ނޫންނަމަ ހޭދަކުރަނީ ޔޫސުފްގެ ގާތުގައެވެ.

އެއީ، މި ދެމަފިރިންގެ މުޅި ދުނިޔެއެވެ. ހުރިހާ ވެސް އުފަލަކީ އެ ދަރިފުޅެވެ. އެ ދަރިފުޅަށް އެ ދެމަފިރިން ކުރަނީ ވެސް ފޮނި އުންމީދުތަކެކެވެ. އެ ދަރިފުޅަށް ފަރުވާ ހޯދައިދޭން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން މިއަދު ވެސް ތިބީ ތައްޔާރަށެވެ.

މިއަދު އެ ދެމަފިރިން އެދެނީ އާއްމުންގެ ދީލަތި އެހީއަަށެވެ.

ޑޮލަރު އެކައުންޓް: 7730000390701
ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް: 7730000271943

ހާމިދު މުހައްމަދު

އިތުރު މައުލޫމާތު ހޯދުމަށް: 7367630

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެ މީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެ މީހަކަށް ޤިޔާމަތް ދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާ ހުއްޓެވެ. އަދި، އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފި މީހަކަށް، ﷲ އެ މީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަ ކޮށްދެއްވާނެއެވެ. އަދި، މުސްލިމެއްގެ (ޢައިބު ފޮރުވައިދީފި މީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެ މީހެއްގެ ޢައިބު ފޮރުވައިދެއްވާ ހުއްޓެވެ. އަދި، ހަމަކަށަވަރުން އެ މީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަ މީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

comment ކޮމެންޓް