ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލި ނަމަވެސް ދިރިއުޅުމުގެ ފެންވަރަކަށް ބަދަލެއް ނާދޭ: ޝައުނާ

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އުކުޅަހުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

އާންމު ދިރިއުޅުމުގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލި ނަމަވެސް ދިރިއުޅުމުގެ ފެންވަރު ބަދަލުނުވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދަޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ރޭ އއ. އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ރާއްޖޭން އެންމެ ގިނައިން ފެންނަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތައް މި އަހަރުގެ ނިޔަލަށް ބޭނުންކުރުން ހުއްޓާލަން ނިންމާފައި ކަމަށެވެ.

އެ އަމާޒަށް ވާސިލްވުމަށް މީގެ ދެ ވަރަކަށް އަހަރު ކުރިން ޕްލޭނެއް އެކުލަވައިލި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެގޮތުން 13 ބާވަތެއް ބޭނުންކުރުމާއި އެތެރެ ކުރުމާއި އަދި ރާއްޖޭގައި އުފެއްދުން ހުއްޓާލުމަށް އަޅުގަނޑުމެން މީގެ ދެ ވަރަކަށް އަހަރު ކުރިން ފޭޒް އައުޓް ޕްލޭނެއް އެކުލަވާލިން،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިވީ ދެ އަހަރު ތެރޭ އެ ޕްލޭނާ އެއްގޮތަށް 12 ބާވަތެއް ރާއްޖެ އެތެރެ ކުރުމާއި ރާއްޖޭގައި އުފެއްދުން އަދި ބޭނުންކުރުން މިހާރު ހުއްޓާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފަދަ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން ހުއްޓާލި ނަމަވެސް ދިވެހިންގެ ދިރިއުޅުމުގެ ފެންވަރަށް ބަދަލު ނާންނަ ކަމަށެވެ. އަދި، މިކަމުގެ ސަބަބުން ތަރައްގީއަށް ހުރަސް ނޭޅޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސުޕާރި ޕެކެޓް ބަންދުކޮށްފައި ހުންނަ މެޓީރިއަލް ބަދަލުވީ ކުޑަ ބިއްލޫރި ފުޅިއަކަށް. އަޅުގަނޑުމެން ރެސްޓޯރެންޓަތަކުގައި އޮރެންޖް ޖޫސްތަށްޓެއް ބޯލާއިރުގައި ޕްލާސްޓިކު ހޮޅި އާންމުކޮށް މި ބޭނުން ކުރަނީ. ނަމަވެސް އެ ހޮޅި މިއަދު ބަދަލުވެފައި މި ވަނީ ކަރުދާސް ނުވަތަ އެހެން މެޓީރިއަލަކަށް،" އޭނާ ވިދާޅުވިއެވެ.

ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖޭގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން އިޔާދަ ކުރުވަނިވި ހަކަތައިގެ ކެޕޭސިޓީ އެތައް ގުނައަކުން މި އަހަރު އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި، މިކަމުން ސަލާމަތް ކުރެވޭ ފައިސާއަކީ ތައުލީމީ ދާއިރާ ކުރިއެރުވުމަށާއި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހޭދަކުރެވޭ ފައިސާ. މިއީ އަޅުގަނޑުމެން ނެޓް ޒީރޯ ގައުމަކަށް ވުމަށް އަމާޒު ހިފާ އެންމެ ބޮޑު އެއް ސަބަބަކީ. އެއީ އަޅުގަނޑުމެންގެ ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމުގައި ވާތީ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް