ތިމާވެށީގެ ދުވަހާ ގުޅުވައިގެން އއ. އުކުޅަހަށް ޚާއްސަ ބްރޭންޑެއް އުފައްދާ، އެ ބްރޭންޑުގެ ދަށުން ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ތައްޔާރުކުރުމަށް މަގުފަހި ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި އުކުޅަހު ޑަބްލިއުޑީސީ އާއި އެ ރަށު ޓުއަރިޒަމް ކޮމިޓީއާ މެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިރޭ އުކުޅަހުގައި ބޭއްވި ތިމާވެށީގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި، އެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ. އަދި އުކުޅަހު ޑަބްލިއުޑީސީގެ ފަރާތުން އެ ކޮމިޓީގެ ރައީސާ ޒަހިއްޔާ މުހައްމަދު ސޮއި ކުރެއްވި އިރު، އުކުޅަސް ޓުއަރިޒަމް ކޮމިޓީގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޓީގެ ރައީސް އަބްދުއް ސަމީއު އިމާދެވެ.

ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ
އުކުޅަހަށް ޚާއްޞަ އެ ބްރޭންޑުގެ ދަށުން ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތައް ތައްޔާރުކުރުމަށް ޓަކައި، އުކުޅަހު ޑަބްލިއުޑީސީ އާއި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ފޮތި ދަބަސް ފަހަން ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް ވެސް އެ ރަށުގައި ކުރިއަށް ގެންގޮސްފައެވެ. އަދި އެ ޕްރޮގްރާމްގެ ބައިވެރިންނަށް މިރޭގެ ޖަލްސާގައި ވަނީ ސެޓްފިކެޓް ދީފައެވެ.
މީގެ އިތުރުން އެ ޕްރޮގްރާމުގައި ބައިވެރިން ފަހާފައިވާ ދަބަސް ރަށުގެ ހުރިހާ ގޭބީސީއަކަށް ބެހުމަށް މިރޭގެ ޖަލްސާގައި ވަނީ ކައުންސިލާ ހަވާލުކޮށްފައެވެ.