އޭޖީ ވަޑައިގަތުމުން މަޖިލީހުގެ ތަޅުން ހޫނުވެއްޖެ

ބަންޑާރަ ނައިބު ރިފްއަތު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އިތުބާރު ނެތް މައްސަލައިގައި ޖަވާބު ދާރީ ވުމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުން، ތަޅުން ހޫނުވެއްޖެއެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖެއާއި މޮރީޝަސްއާ ދެމެދު ފުށުއަރާފައިވާ ކަނޑުގެ ސަރަަހައްދު "ވިއްކާލީ" ކަމަށް ތުހުމަތުކުރައްވާ މަޖިލީހުގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދުންނެެވެ.

އެ މައްސަލައިގައި ރިފްއަތު މީގެ ކުރިން ޖަވާބުދާރީ ވެފައިވަނީ ލިޔުމުންނެވެ. ނަމަވެސް އެ ދުވަހު މައްސަލަ ކުރިއަށް ނުގެންދެވުމުން އޭޖީ ވަނީ މަޖިލީހަށް ވަޑައިގެން ޖަވާބުދާރީ ވުމަށް އެދިވަޑައިގެންފައެވެ.

އެ މައްސަލަ މިއަދު އެޖެންޑާކޮށް އޭޖީ މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން އިދިކޮޅަށް ނިސްބަތްވާ މެންބަރުން ވަނި ރިޔާސަތު ކުރިމަތީ އަޑުގަދަ ކޮށްފައެވެ.

އޭގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ހިމެނެއެވެ.

އެތައް ފަހަރަކު މެންބަރުންނަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުގައި އިންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނަސޭހަތްތެރިވެފައެވެ.

"މެންބަރުންގެ ތި ކަންބޮޑުވުންތަކަށް ޖަވާބު ލިބޭނެ މައްސަލަ ފެށުމާ އެކު. ބަންޑާރަ ނައިބު އޭނީ މިއަދު އެހެންވެ މަޖިލީހަށް ހާޒިރުވެވަޑައިގެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންވެ، އެ މަނިކުފާނު ވަނީ މަޖިލީސް މެދުކަނޑާލައިފައެވެ. ނަމަވެސް، މިހާރު އަނެއްކާ ވެސް ވަނީ މަޖިލީސް އަލުން ފަށައި، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން ފުރުސަތު ދެއްވައިފައެވެ.

އެ ފުރުސަތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު މައްސަލަ ހުށަހަޅުއްވާފައެއް ނުވެއެވެ. އެހެންވެ، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ނުރުހުން ފާޅު ކުރައްވައިފައެވެ.

އިދިކޮޅު މެންބަރުންނާ އެކު މަޝްވަރާ ކުރަން ވަގުތު ބޭނުންވާ ކަމަށް އާދަމް ޝަރީފް ވިދާޅުވުމުން، ރިޔާސަތުން ވަނީ އެ ފުރުސަތު އަރުވައިފައެވެ.

comment ކޮމެންޓް