ސާފް ޗެމްޕިއަންޝިޕް 2023 ގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ފައިނަލް ސްކޮޑު އިއުލާންކޮށްފިއެވެ.
މި މަހުގެ 21 އިން އަންނަ މަހުގެ 4 ގެ ނިޔަލަށް އިންޑިއާގައި ކުރިއަށްގެންދާ އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ފުރަތަމަ އެކުލަވާލާފައިވަނީ 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެކެވެ. އެއަށް ފަހު ދިހަ ކުޅުންތެރިޔަކު މަދުކުރި އިރު، އޭގެ ތެރޭގައި ސީޒަންގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާ ކަމަށްވާ ކްލަބު އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) ވެސް ހިމެނުނެވެ.
ގައުމީ ޓީމުގެ ހެޑް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ އިރު، އެ މުބާރާތުގައި ވާދަކުރާ ފައިނަލު ސްކޮޑު މިހާރު ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން ރާއްޖެއިން ސާފަށް ދާނީ އެ 23 ކުޅުންތެރިންގެ ސްކޮޑާއެކުއެވެ.
ފައިނަލް ސްކޮޑު އެކުލަވާލާފައިވަނީ 30 ކުޅުންތެރިންގެ ސްކޮޑުން ހަތް ކުޅުންތެރިޔަކު ބާކީކޮށްފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ދެ ގޯލްކީޕަރުން ކަމަށްވާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ އަލީ ނާޖިހާއި ބުރު ސްޕޯޓްސް ކްލަބުގެ ޝައިހާން އަލީގެ އިތުރުން ބުރުގެ މުހައްމަދު ނާއިމާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މުހައްމަދު ޝަޚާއު އާއި ޓީސީގެ އަހުމަދު މާއިޝް ރަޝީދާއި ޔޫވީގެ ޝަނާން ރަޝީދު އަދި އެ ޓީމުގެ އަހުމަދު ބައްސާމެވެ.

ސާފް ޗެމްޕިއަންޝިޕް 2023 އަށް ގައުމީ ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުމުގެ ސެޝަނެއްގައި ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އާއި ފޯވަޑް ހަމްޒާ މުހައްމަދު (ހަމްޕު) -- ފޮޓޯ/ އެފްއޭއެމް
މިދިޔަ މަހުގެ ތެރޭގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް މާލޭގައި ކުރިއަށް ގެންދިޔަ ނަމަވެސް، އެންމެ ފަހުގެ ތައްޔާރީތަކަށް ގައުމީ ޓީމު މާދަމާ ޖަޕާނަށް ދިއުމަށް ހަމަޖެހިފައިވެއެވެ. އިންޑިއާއަށް ދިއުމުގެ ކުރިން ގައުމީ ޓީމުން ދިހަ ދުވަހުގެ ކޭމްޕެއްގައި ޖަޕާނުގައި މަޑުކުރާނެއެވެ.
ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑު:
މާޒިޔާ
- ސަމޫހު އަލީ (ސަމުއްޓޭ)
- އަހުމަދު ނޫމާން (ހެލްމެޓް)
- ހުސައިން ސިފާއު (ކުރޯ)
- އިބްރާހިމް އައިސަމް
- ހައިޝަމް ހަސަން (ބިޑި)
- ހަސަން ރާއިފް (ހަންނަ)
- ހުސައިން ނިހާން (ނިހާޓު)
- ހަސަން ޝިފާޒް (ޑުންގާ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- ހުސައިން ޝަރީފް
- ނާއިޒް ހަސަން (ދާދު)
- މުހައްމަދު އިރުފާން (އިރޭ)
- އަލީ ފާސިރު (ސެންޓޭ)
- މުހައްމަދު ފައިސަލް
އީގަލްސް
- އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
- ނިޝާމް މުހައްމަދު ރަޝީދު
- ހުމައިދު ހުސައިން
- މުހައްމަދު ޝަފީއު (ޗެކް)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)
- އަހުމަދު އައިހަމް
- މުހައްމަދު ނިޒާމް
- އަހުނަފް ރަޝީދު
ބުރު ސްޕޯޓްސް
- އިބްރާހިމް އުސާމާ
ކްލަބު ވެލެންސިއާ
- އިބްރާހިމް ވަހީދު ހަސަން (އިއްބެ)
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާންއާ އެކު "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ގްރޫޕުގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.
އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އޭ" އެވެ. އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ކުވެއިތެވެ. މުބާރާތް ފެށިގެންދާނީ ވެސް އެ ގްރޫޕުގެ މެޗުތަކުންނެވެ. މި މަހުގެ 21 ގައި ކުޅޭ އެ ގްރޫޕުގެ ފުރަތަމަ މެޗުގައި ކުވެއިތާއި ނޭޕާލް ބައްދަލުކުރާ އިރު، އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ.
ރާއްޖެ އިން ވަނީ ދެ ފަހަރަކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ ސްރީލަންކާ އަދި ރާއްޖޭގައި ކުޅުނު 2008 ގެ ސާފް ޗެމްޕިއަންޝިޕާއި 2018 ގައި ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ ތިން ފަހަރަކު ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ ނޭޕާލުގައި ބޭއްވި 1997 ގެ ސާފާއި ބަންގުލަދޭޝްގައި ބޭއްވި 2003 އަދި 2009 ގެ ސާފް ޗެމްޕިއަންޝިޕްގައެވެ.