ސައުދީ ޕްރޯ ލީގަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ވަރުގަދަ ލީގަށް ހެދިދާނެ ކަމަށް ސައުދީގެ އަލް ނަސްރަށް ކުޅެމުންދާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ސައުދީގެ ފުޓުބޯޅައަށް އެންމެ ބޮޑަށް އަމާޒު ހުއްޓިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަލް ނަސްރާ ރޮނާލްޑޯ ގުޅުމުންނެވެ. އަލް ނަސްރާ ގުޅުމަށްފަހު، އެ ކްލަބަށް ސައުދީ ލީގު ހޯދައިދިނުމަށް ރޮނާލްޑޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މިސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދީ އަލް އިއްތިހާދުންނެވެ. އުމުރުން 38 އަހަރުގެ ރޮނާލްޑޯ ގަބޫލުކުރާގޮތުގައި އިތުރު ތަރިންތަކަކާއެކު ސައުދީ ލީގަކީ ދުނިޔޭގެ ވަރުގަދަ ލީގުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ލީގަކަށް ހެދިދާނެއެވެ.
"މިހާރު ކުރަމުން މިދާ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާ ނަަމަ، ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި ސައުދީ ލީގަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ވަރުގަދަ ލީގަށް ވެދާނެ،" ސައުދީ ޕްރޯ ލީގަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.
ގަތަރާއި ޗައިނާއަށް ފަހު މިހާރު ފުޓުބޯޅަށް އެންމެ ބޮޑު ހަރަދެއް ކުރާ އެއް ގައުމަކީ ސައުދީއެވެ. ސައުދީގެ ބައެއް ކްލަބުތަކުން މިހާރު ވެސް ދަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތަރިން ގެނައުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ސައުދީގެ އަލް ހިލާލުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ގެނައުމަށް ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ އިރު، އަލް އިއްތިހާދުން ވެސް ވަނީ ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ގެނައުމަށް ބޮޑު ހުށަހެޅުމެއް ހުށަހަޅައިފައެވެ. މެސީއަށް އަލް ހިލާލުން ސީޒަނަކަށް މުސާރައިގެ ގޮތުގައި 400 މިލިއަން ޔޫރޯ (439 މިލިއަން ޑޮލަރު) ދިނުމަށް ވަނީ ހުށަހެޅުމެއް ހުށަހަޅައިފައެވެ. އަދި އަލް އިއްތިހާދުން ބެންޒެމާއަށް ހުށަހަޅާފައިވަނީ މުސާރައިގެ ގޮތުގައި ދެ އަހަރަށް 400 މިލިއަން ޔޫރޯ (439 މިލިއަން ޑޮލަރު) ލިބޭ ހުށަހެޅުމެކެވެ.
ރޮނާލްޑޯ އާއި މެސީ އަދި ބެންޒެމާގެ އިތުރުން ސައުދީ ލީގުން ބާސެލޯނާގެ ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސް އަދި ޕީއެސްޖީގެ ސާޖިއޯ ރާމޯސް ފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.