ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފު ބުދަ ދުވަހު ފަށަނީ

ޕީޕީއެމްގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި އަންނަ ބުދަ ދުވަހު ފެށުމަށް ތާވަލު ކޮށްފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް އެ މަނިކުފާނުގެ ފަރާތްޕުޅުން އެންމެ ފުރަތަމަ ހުށަހެޅީ ފެބްރުއަރީ މަހުގެ 12ގައެވެ. ނަމަވެސް އޭގައި ހުރި ބައެއް ކަންކަން އިސްލާހު ކުރަން އެންގުމުން އެ ކަންކަން އިސްލާހު ކުރުމަށް ފަހު ދެވަނަ ފަހަރަށް ހުށެހެޅީ މާޗު މަހުގެ 15 ގައެވެ.

ހައި ކޯޓުން މިއަދު ބުނީ އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ލަސްވާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށް ހައިކޯޓަށް ވެސް ގޮސްފައެވެ.

ޔާމީނަށް ދަށު ކޯޓުން ޖަލު ހުކުމް އިއްވާފައިވާއިރު އެ މަނިކުފާނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އެހެންވެ، މި މައްސަލައިގައި ނިހާއީ ހުކުމެއް ނެތި ދިގު ދެމިގެން ދާތީ އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް