ނިއުދިއްލީ (4 ޖޫން 2023): އިންޑިއާގެ އިރުމަތީ ސްޓޭޓެއްކަމަށްވާ އޮޑެއްސާގައި ދެ ރޭލުޖެހި މުޑިއެރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 288 އަށް އަރައިފިއެވެ.
އިންޑިއާގެ ރޭލްވޭއާބެހޭ އިދާރާގެ މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސްއިން ޚަބަރުދޭ ގޮތުގައި މި އެކްސިޑެންޓް ހިނގީ "ކޮރޮމާންޑެލް އެކްސްޕްރެސް" ނަމަކަށް ކިޔާ ރޭލެއް އެހެން ރޭލެއްކަމަށްވާ "ހޯރާހު ސުޕަފާސްޓް އެކްސްޕްރެސް" އާ ޖެހި މުޑުއެރުމުގެ ސަބަބުންނެވެ.
މީގެތެރެއިން ފުރަތަމަ ރޭލް ދަތުރުކުރީ ކަލްކަތާއިން ޗެންނާއި އަށެވެ. މި ދެ ރޭލް އެކަތި އަނެކެއްޗާ ޖެހި މުޑިއަރަން ދިމާވި ސަބަބު ދެގަނެގަތުމުގެ ތަހުގީގު މިހާރުވަނީ ފަށާފައެވެ. މި ހާދިސާގައި 288 މީހުން މަރުވެފައިވާއިރު 900 އަށްވުރެ ގިނަމީހުންވަނީ ޒަޚަމްވެފައެވެ.

އިންޑިއާގައި ހިނގާފައިވާ ރޭލް އެކްސިޑެންޓެއް
މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވެ އަދި ޒަޚަމްވުމާ ގުޅިގެން މުޅި އިންޑިއާއަށްވަނީ ކުއްލި ޝޮކެއް ލިބިފައެވެ. މި ހާދިސާގައި ގިނަ ބަޔަކު މަރުވެ އަދި ޒަޚަމްވީ ދެ ރޭލު ޖެހުމުގެ ސަބަބުން އުފެދުނު ބޮޑު އަލިފާންގަނޑުގެ ސަބަބުންނެވެ.
އިއްޔެ ހަވީރު ހިނގި މި ހާދިސާގެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު އަލިފާންގަނޑުގައި ގިނަ ބައެއްގެ ހަށިތައްވަނީ އަނދާ އަޅިއަށްވެފައެވެ.
ބައެއްމީހުންގެ ހަށިތަކުން އެއީ ކާކުކަންވެސް ނޭނގެއެވެ. މިހާދިސާގައި ޒަޚަމްވި މީހުންނާއި މަރުވި މީހުންގެ ހަށިތައް ގެންދިޔުމަށް 200 އަށްވުރެ ގިނަ އެމްބިއުލަންސް ހަރަކާތްތެރިވާއިރު އެ އެމްބިއުލަންސްތަކުގައި 200 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި 300 އަށްވުރެ ގިނަ ނަރުހުންވެސް ހަރަކާތްތެރިވަމުން ދެއެވެ.
އޮޑެއްސާގެ ޗީފް މިނިސްޓަރު ނެވިން ބެޓްނައިކް ވިދާޅުވިގޮތުގައި ސަރުކާރުން އިސްކަންދެނީ ޒަޚަމްވެފައިވާ މީހުން އަވަހަށް ހޮސްޕިޓަލްތަކަށް ގެންދިޔުމަށާއި މަރުވެފައިވާ މީހުންގެ ހަށިތައް އެމީހުންގެ އާއިލާތަކާ ހަވާލުކުރުމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހާދިސާއާމެދު ހިތާމަކުރައްވާކަމަށް ވިދާޅު ޓްވީޓެއް ކުރައްވާފައެވެ. މޯދީ ވިދާޅުވިގޮތުގައި މީހުން ސަލާމަތް ކުރުމާއި ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދިނުމުގެ ކަންތައް ދަނީ ކުރިއަށެވެ.
އިންޑިއާއަކީ ދުނިޔޭގައި އެކްސިޑެންޓްތައް އެންމެ ގިނަ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އިންޑިއާގައި އެކްސިޑެންޓްތައް ގިނަވާ ސަބަބުތަކުގެ ތެރޭގައި އެގައުމުގެ މަދަނީ އިންފްރާސްޓްރަކްޗާ އިންތިހާއަށް ބަލިކަށިވުމާއި ފަރުވާކުޑަވުމާއި އިހުމާލުވުން ހިމެނޭ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ރޭލެއް
އިންޑިއާއަކީ ސަރަހައްދީ ބާރަކަށް ވެފައި އަދި ދުނިޔޭގެ އިގްތިސާދީ ހަވަނަ ބާރަށްވިނަމަވެސް މިއާ ގާތްކުރާ މިންވަރަކަށްވެސް އިންޑިއާގެ މަދަނީ އިންފްރާސްޓްރަކްޗާ ތަރައްގީއެއް ނުވެއެވެ. އިންޑިއާގެ ގިނަ ސްޓޭޓްތަކުގެ މަދަނީ އިންފްރާސްޓްރަކްޗާގެ ހާލަތު އަދިވެސް އޮތީ އެފްރިކާގެ ތަރައްގީނުވާ ގައުމުތަކުގެ ފެންވަރުގައެވެ.
1960 ގެ އަހަރުތަކުގައި މަދަނީ އިންފްރާސްޓްރަކްޗާގެ ގޮތުން އިންޑިއާއަށްވުރެ މާ ދަށްފެންވަރެއްގައި އަދި ބަލިކަށި ހާލަތެއްގައި އޮތް އެގައުމުގެ އަވަށްޓެރި ޗައިނާ މިހާރުވަނީ ކުރިޔަށްއޮތް ފަންސާހަކަށް އަހަރު ތެރޭގައިވެސް އިންޑިއާއަށް ނުދެވޭފަދަ މަތީ ފެންވަރަކަށް މަދަނީ އިންފްރާސްޓްރަކްޗާ ބިނާކޮށް ތަރައްގީ ކުރުމުގައި ކުރިޔަށް ގޮސްފައެވެ. އަދި އަމިއްލަ ޓެކްނޮލޮޖީގައި މިދާއިރާ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ލެވެލްއަށް ތަރައްގީ ކުުރުމުގައި ޗައިނާ އިން ދުނިޔެއަށް ނަމޫނާ ދައްކާފައިވާއިރު އިންޑިއާ އަދިވެސް އޮތީ ކުރީގެ ބަލިކަށި ހާލަތުގައެވެ. އިންޑިއާއަކީ ޗައިނާއަށްވުރެ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެކެވެ.
މަދަނީ އިންފްރާސްޓްރަކްޗާ ގައި އިންޑިއާ އަދިވެސްއޮތީ 1970 ގެ އަހަރުތަކުގައި ޗައިނާ އޮތް ހާލަތުގައެވެ. މަދަނީ އިންފްރާސްޓްރަކްޗާ ގައި ހިމެނެނީ މަގުތަކާއި ރޭލްވޭތަކާއި އެއާޕޯޓްތަކާއި ބްރިޖްތަކާ ޓެލެކޮމިއުނިކޭޝަން އާއި އިމްރާނީ ތަރައްގީއާއި ފެނާއި ނަރުދަމާ ފަދަ އާންމު ދިރިއުޅުމަށް ފަސޭހަވާފަދަ މަދަނީ ތަރައްގީގެ ދާއިރާތަކެވެ.