ބީއެމްއެލްގައި ކިޑްސް ސޭވާ އެކައުންޓެއް ހުޅުވައިގެން 5000 ރުފިޔާ ލިބުމުގެ ފުރުސަތު

ބީއެމްއެލްގައި ކިޑްސް ސޭވާ އެކައުންޓެއް ހުޅުވައިގެން 5000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފަ ----

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ކިޑްސް ސޭވާ އެކައުންޓެއް ހުޅުވައިގެން 5000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކްގައި ކިޑްސް ސޭވާ އެކައުންޓެ ހުޅުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 20 އެކައުންޓަކަށް 5000 ރުފިޔާ ޖަމާކޮށްދޭނެ ކަމަށެވެ.

އެ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށެވެ. އަދި އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި އިތުރު ގުރުއަތެއް ލުމަށްފަހު 20 ފަރާތަކަށް 2500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އެކައުންޓް ހުޅުވުމަށް ވެސް ކަސްޓަމަރުންނަށް މިހާރު ވަރަށް ފަސޭހަވާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އެގޮތުން ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގުމަށްފަހު މާލޭގައި ނަމަ އެކައުންޓް އޯޕަނިން ސެންޓަރު އަދި ބީއެމްއެލް އިސްލާމިކް ގައި އެކަމަށް ޚާއްސަކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް އެކައުންޓް ހުޅުވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ކިޑްސް ސޭވާ އެކައުންޓް އޮޕަރޭޓްކުރެވޭނީ އެ ކުއްޖެއްގެ މަންމަ، ބައްފަ ނުވަތަ ގާނޫނީ ބެލެނިވެރިއަކަށެވެ. މި އެކައުންޓް ދިވެހި ރުފިޔާ އާއި ޑޮލަރުން ވެސް ހުޅުވޭ އިރު އެކައުންޓްގައި ބަހައްޓަންޖެހޭ އެންމެ ދަށް އަދަދަކީ 100 ރުފިޔާ އަދި 10 ޑޮލަރެވެ.

ކިޑްސް ސޭވާ އެކައުންޓް އޮޕްރޭޓްކުރާ ފަރާތަކުން ބޭނުންވާ ގޮތަކަށް އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. މި ގޮތަށް ޖަމާކުރާ އިރު އެއްވެސް ޗާޖެއް ނުކުރާނެއެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓްގެ ތަފްސީލު ބަލާލެވޭނެއެވެ.

ކިޑްސް ސޭވާ އެކައުންޓް ފަރުމާކޮށްފައި ވަނީ ދިގު މުއްދަތެއްގައި ކުދިންގެ މުސްތަގްބަލަށް ޓަކައި ރައްކާކުރާ ފައިސާ އެ ކުދިންނަށް އުމުރުން 18 އަހަރުވުމުން ބޭނުން ހިފޭ ގޮތަށެވެ.

މި އެކައުންޓްގައި ހުންނަ ފައިސާ މަތީ ތައުލީމް ހޯދުމަށް ބީއެމްއެލް އިން ދޫކުރާ ކިޔަވާލޯނުގެ އިކުއިޓީ ގޮތުގައި ވެސް ބޭނުންކުރެވޭނެއެވެ. ބޭސްފަރުވާ އަށާއި ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަން ޖެހޭ ޚަރަދެއްކުރުމަށް ޓަކައި މި އެކައުންޓުން ކޮންމެ މަހަކު އެއްފަހަރު ފައިސާ ނެގުމުގެ ފުރުސަތު ބެލެނިވެރިޔާ އަށް ލިބޭނެއެވެ.

comment ކޮމެންޓް