ކަތިވަޅި ހިފައިގެން މަޖީދީ މަގުމަތީ ދެ ގޭންގެއް، ފުލުހުންނަށް އަތުލެވުނީ އެކަކު!

ރޭ މާލޭގައި މާރާމާރީ ހިންގި މީހުން ބޭނުންކުރި ކަމަށް ބެލެވޭ ކަތިވަޅިއެއް --- ފޮޓޯ/ ރާއްޖެއެމްވީ

ދެ ގޭންގަކުން ރޭ މާލޭގެ މަޖީދީ މަގުގައި ކަތިވަޅި ހިފައިގެން މާރާމާރީ ހިންގިއިރު އެތަނުން އަތުލެވުނީ އެކަކު ކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ރޭ 11:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވާފައިވާ ކަމަށެވެ.

އެ މާރާމާރީ ހުއްޓުވުމަށް ގޮސްފައިވަނީ ހައި ވިސިބިލިޓީ ފުލުހުންކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވީ, މާރާމާރީ ހިންގަން އުޅުނު ބައެއް މީހުން ވަނީ ފިލާފައި ކަމަށާއި އެގޮތުން ދެ މީހުން ފިލާފައިވަނީ އެ މީހުން ދުއްވި ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ ދެ ސައިކަލު ފުލުހުން ވަނީ ޓޯކޮށްގެން ގެންގޮސްފައެވެ.

އެ މައްސަލައާ ގުޅިގެން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު މާރާމާރީ ހިންގުމުގައި ހަރަކާތްތެރިވި މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ރޭގެ މާރާމާރީ އަކީ މާލޭގެ ދެ ގޭންގެއްގެ ދެމުދުގައި ހިންގި މާރާމާރީއެކެވެ. އަދި އެތަނުގައި ބައެއް މީހުން ކަތިވަޅި ހިފައިގެން އެކަކު އަނެކަކަށް ހަމަލާދޭން އުޅުނު ކަމަށް ވެސް މަންޒަރުދުން މީހަކު ބުންޏެވެ. އެ މީހުން އެ ސަރަހައްދު ދޫކޮށްދިޔައިރު މަގުމަތީގައި ކަތިވަޅިއެއް ވެސް އޮތެވެ. ފުލުހުން ވަނީ އެ ކަތިވަޅި ގެންގޮސްފައެވެ.

comment ކޮމެންޓް