ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލް މެޗަށްފަހު އެއާޕޯޓުގައި ރެފްރީ އެންތޮނީ ޓެއިލާ ކުރިމަތިލާން ޖެހުނު ހަމަލާތަކާ ގުޅިގެން ރެފްރީންގެ ސެކިއުރިޓީ ވަރުގަދަކުރާނެކަމުގެ ޔަގީންކަން ޔޫއެފާ އިން ދީފިއެވެ.
ހަންގޭރީގެ ޕުސްކަސް އެރީނާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލު މެޗުގެ ތެރެއިން ރެފްރީ ޓެއިލާއަށް ރޯމާ އާއި ސެވިއްޔާ ކުޅުންތެރިންގެ ފާޑުކިޔުން އަމާޒުވިއެވެ. އޭގެ އިތުރުން ޕެނަލްޓީ ޝޫޓްއައުޓްގައި މެޗުން ބަލިވުމާއެކު ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ސްޓޭޑިއަމްގެ ޕާކިން ޒޯނުން ރެފްރީ ޓެއިލާއާ ކުރިމަތިލައިފައެވެ.
އެއަށްފަހު އެއާޕޯޓަށް ދިޔަ މަގުމަތީގައި ޓެއިލާ އާއި އޭނާގެ އާއިލާއަށް ވަނީ ސަޕޯޓަރުންނާ ކުރިމަތިލާން ޖެހިފައެވެ. އެއާޕޯޓަށް ދިޔަ މަގުމަތީގައި ރެފްރީ ޓެއިލާއާ ދިމާއަށް ސަޕޯޓަރުން ވަނީ އެއްޗެހި އުކައި، އޭނާއަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައެވެ. ފުލުހުން ވަނީ އެތަނުން މީހަކު ވެސް ހައްޔަރުކޮށްފައެވެ.
އެކަމާ ގުޅިގެން ޔޫއެފާ އިން ނެރުނު ބަޔާނެއްގައި ވަނީ ސަޕޯޓަރުންނާއި ކުޅުންތެރިން އަދި ކޯޗުން ހިފަހައްޓަން ޖެހޭ އުސޫލުތައް ހިފަހައްޓަން ނަސޭހަތްތެރިވެ، ރެފްރީންގެ ސެކިއުރިޓީ ވަރުގަދަކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.
"ރެފްރީ ޓެއިލާ އާއި އޭނާގެ އާއިލާއަށް އަމާޒުކޮށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިއީ ކުޅިވަރުގައި އެއްވެސް ވަރަކަށް ގަބޫލުކުރާނެ ކަންކަމެއް ނޫން. ރެފްރީންނަކީ މެޗުުތަކުގައި އިންސާފު ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ މީހުން. ޔޫއެފާ އިން ކަންކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނަން. އަދި އެހެން މީހުން ވެސް ރެފްރީންނަށް ދޭން ޖެހޭ އިހުތިރާމު ދޭން ޖެހޭނެ،" ޔޫއެފާ އިން ބުންޏެވެ.
ޔޫރޮޕާ ލީގުގެ ފައިނަލުގައި އިތުރު ވަގުތު ހަމަވި އިރުވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ. ޕެނަލްޓީގައި ރޯމާގެ މައްޗަށް ސެވިއްޔާ އިން ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ސެވިއްޔާ އިން ވަނީ ހަތްވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކްލަބަކީ ވެސް ސެވިއްޔާއެވެ.