މަސް ބޭނުމުގެ ތެރެއިން ލޮލަށް ބުޅި ހެރުމަކީ މިހާރަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެކެވެ. މިކަމުން ސަލާމަތް ވުމަށް ކުރެވޭނެ ކަންކަމަށް މަސްވެރިން މާބޮޑު ސަމާލުކަމެއް ނުދެނީ ލޮލަށް ބުޅި ހެރުމުގައި ހުރި ނުރައްކާތެރިކަން ނޭންގޭތީ ކަމަށް ވެދާނެއެވެ. ނަމަވެސް މިއީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެ ނުރައްކާތެރި ބިރުވެރި ކަމެކެވެ.
ލޮލަށް ބުޅި ހެރުމުގެ ސަބަބުން އާންމުކޮށް ލޮލުގެ އެތެރެ ހަލާކުވެ ލޮލުގެ ފެނުން ގެއްލެން މެދުވެރިވެއެވެ.
މިކަމާ ގުޅިގެން "ސަން" އާ ވާހަކަ ދައްކަވަމުން ލޮލުގެ ޑޮކްޓަރު ނަފީސާ އަބްދުއްލަތީފް ވިދާޅުވީ މިހާރަކަށް އައިސް މަސްވެރިންގެ ލޮލަށް ބުޅި ހެރުން އާންމުވެފައި ވަނީ ގަބޫލު ނުކުރެވޭ މިންވަރަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ މަސްވެރިކަމަށް ބަރޯސާވެފައި ވާ ގައުމެއް ކަމުން މިފަދަ ކަންކަން ހިނގާފާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު މީހުންގެ ލޮލަށް ބުޅި ހެރޭ މިންވަރަށް އެކަން ހިނގަން ޖެހޭ ކަމަށް ގަބޫލު ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަހު ވެސް ހަތަރެއް ނޫނީ ފަސް މީހުން ލޮލަށް ބުޅި ހެރިގެން އަޅުގަނޑު ކައިރިއަށް އައި،" އޭނާ ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން އެތައް ބައެއްގެ ލޮލުގެ ފެނުން ގެއްލި ލޮލަށް ބޮޑެތި ގެއްލުންތައް ކުރިމަތި ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބުޅި ހެރުމަށް ފަހު ގިނަ ފަހަރު ލޮލުގެ ފެނުން އެއްކޮށް އަނބުރާ ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.
"ބުޅިއެއް އެޅިގެން ގެންނަ މެޖޯރިޓީ ޕޭޝަންޓުންގެ ލޮލުގެ އެންމެ އެތެރޭގައި ހުންނަ ޓިޝޫތަކަށް އަސަރު ކުރާ ވަރަށް އަނިޔާ ވެފަ ހުންނަނީ. އެހެންވީމަ ފެނުން އެކަންޏެއް ނޫން ލޯ ވެސް އެއްކޮށް ހަލާކުވޭ،" ނަފީސާ ވިދާޅުވިއެވެ.
އެގޮތުން ބުޅި އެޅުމުގެ ސަބަބުން ލޮލުގެ ކަޅު ކަޅި ފަޅައިގެން ދިއުމާއި ލޮލުގެ އެންމެ އެތެރޭގައި ހުންނަ ޓިޝޫތައް ބޭރަށް އައުމަކީ ވަރަށް އާންމު ކަމެކެވެ.
"ޖެހޭ ބާރުމިނުގަ އަސްލު ޖެހޭ ތަންކޮޅު އެކަންޏެއް ނޫން މި ހަލާކު ވަނީ. މުޅި ލޮލަށް ހުންނަނީ އަސަރު ކޮށްފަ. އަޅުގަނޑުމެން އެންމެ ފުރަތަމަ މި ކުރާ ކަމަކީ ފަޅައިގެން ގޮސްފަ އިންނަ ތަންކޮޅު ސާޖަރީން ފަހާލަނީ. އެވަގުތު މުޅި ލޮލަށް ލިބިފަ ހުންނަ ގެއްލުމެއް ނުވެސް އިނގޭނެ. މާ ފަހުން މި އިނގެނީ ވެފަ ހުންނަ ހަގީގީ ގެއްލުންތައް،" ނަފީސާ ކިޔައިދެއްވިއެވެ.
ލޮލުގައި ބުޅި އެޅިގެން ހުޅުވިފައި އިންނަ ތަންކޮޅު އެންމެ ފުރަތަމަ ބައްދާލަނީ އިންފެކްޝަން މުޅި ލޮލަށް ފެތުރިގެން ނުދިޔުމަށް ޓަކައެވެ. އެއަށް ފަހު ލޮލަށް ފަރުވާ ކުރާނީ ލިބިފައި ހުރި ގެއްލުންތައް އެނގޭ ވަރަކުންނެވެ.
މިގޮތަށް ލޮލުގައި ބުޅި އެޅިގެން ކުރާ ސާޖަރީ ރަނގަޅު ވާން ވެސް ދުވަސް ނަގައެވެ. އަދި ރަނގަޅު ވާއިރު ވެސް ފެނުން ގެއްލި ނުވަތަ ފެނުން ކުރިން ހުރި މިންވަރަށް ނުލިބޭކަން ނަފީސާ ފާހަގަކުރެއްވިއެވެ.
"ވިޝަން ކުރިން ހުރި މިންވަރަށް އަނބުރާ އައިތަނެއް އަޅުގަނޑަކަށް އަދި ދުވަހަކު ވެސް ނުފެނޭ ބޮޑު ޑެމޭޖެއް ވެގެން އަންނަ އިރަކު. އެއަށް ވުރެ މާ ބޮޑަށް އަނިޔާވެފަ ހުންނަނީ. އެހެން ހުންނަ އިރު މިސާލަކަށް އަޅުގަނޑުމެން ކިތަންމެ ރަނގަޅު ޓްރީޓްމަންޓެއް ދިނަސް ވަގުތުން ރާއްޖެއިން ބޭރަށް ފޮނުވާލިޔަސް އެލޮލުން އެއްކޮށް ހެން އެބަ ފެނުން ގެއްލޭ ބުޅިއެއް ހެރިއްޖެއްޔާ،" ލޮލުގައި ބުޅި އެޅުމުގެ ނުރައްކަލާއި އެކަމުގެ ސަބަބުން ދިމާވާ ކަންކަން ކިޔައިދެއްވަމުން ނަފީސާ ވިދާޅުވިއެވެ.
ނަފީސާ ކުރިން ވެސް ވިދާޅުވި ފަދައިން، މިފަދަ ހާދިސާތައް ރާއްޖޭގައި މިވަރަށް ހިނގަން ޖެހޭކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި މިއީ ކުރިން ވެސް އާންމު މައްސަލައެއް ނޫނެވެ. ލޮލަށް ބުޅި ހެރުން ގަބޫލުކުރަން ދަތި މިންވަރަކަށް އާންމުވެފައި ވަނީ މިފަހަކަށް އައިހެވެ.
އެގޮތުން މަސްވެރިކަމަށް މާކަނޑަށް ނުކުމެ އުޅޭއިރު ބުޅިން ލޯ ރައްކާތެރި ކުރުމަށް އަޅަންޖެހޭ އައިނު ގިނަ ފަހަރަށް މީހުން ނާޅާކަން އޭނާ ފާހަގަކުރައްވައެވެ. އަދި ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރަނީ ވަރަށް މަދުންކަން މަސްވެރިންގެ ވާހަކައިން ވެސް އެނގެއެވެ.
މިކަން ފާހަގަކޮށް ނަފީސާ ވިދާޅުވީ، ބަލި މީހުނާ ވާހަކަ ދައްކާލުމުން ވެސް ސަލާމަތީ ފިޔަވަޅުތައް ނާޅާކަން ފާހަގަވާ ކަމަށެވެ. އެހެންކަމުން މަސް ބޭނުމުގައި އުޅޭއިރު ލޯ ރައްކާތެރި ކުރުމަށް ހާއްސަ އައިނު އެޅުމަށް އޭނާ ލަފާދެއްވައެވެ.
މަސްވެރިކަމުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ވާހަކަ ވަރަށް ބާރުލާ ދެކެވެއެވެ. ނަމަވެސް ހޭލުންތެރި ވުމުގެ ބަދަލުގައި ފަރުވާ ކުޑަވުމުގެ ސަބަބުން ފެންނަނީ މިފަދަ ހިތާމާވެރި ކަންކަން އާންމުވާ މަންޒަރެވެ.
ރައްކާތެރިކަން ކަށަވަރުކުރުމުން މިއީ ހަމަ ގައިމުވެސް ހައްލު ކުރެވޭނެ މައްސަލައެކެވެ. މިއީ މިކަމާ މެދު ވިސްނާ މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރަން ޖެހޭ ފަދަ ނުރައްކާތެރި ކަމެކެވެ.