ތިނަދޫ ފަޅުގައި ޕިކްނިކް ދާން ރަށެއް ތަރައްގީކުރަނީ

ގދ ތިނަދޫ--- ފޮޓޯ/ ސްޓޫޑިއޯ

ގދ. ތިނަދޫގައި ޕިކްނިކް ރަށެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި މިއަދު އެމްޓީސީސީ އާއި ނޭޝަނަލް ޕްލޭނިން މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ތިނަދޫގައި ޕިކްނިކް ދާ ރަށެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ އެ ރަށު ފަޅުން ބައެއް ހިއްކައިގެންނެވެ. ޕިކްނިކް ރަށް ތަރައްޤީކުރުމަށް 57.7 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ ދަށުން 65،296 ކޮޑިމީޓަރު ސަރަހައްދެއް ހިއްކައި، 474 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯންޗް ފަދަ އުޅަނދުތައް ކައިރިކުރުމަށް ދެ ޖެޓީ ވެސް ހަދާނެއެވެ.

މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 10 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ތިނަދޫގައި ޕިކްނިކް ރަށެއް ތަރައްޤީކުރުމަށް އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ނޭޝަނަލް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ.

މިކަމާ ގުޅޭގޮތުން "ސަން" އާ ވާހަކަދައްކަވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ، އެ ރަށު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމަށް ނިންމި މައިގަނޑު ސަބަބަކީ، ރަށުގެ އާބާދީ އިތުރުވަމުން ދިއުމާއެކު، މޫދަށް އެރިލުމަށް އޮންނަ ތަންކޮޅު ވެސް ހަނިކަމުންނެވެ. މިގޮތުން ޕިކްނިކް އައިލެންޑެއް ތަރައްޤިވެގެން ދިއުމާއިއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ތިނަދޫގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، އެ ރަށުގެ އިރުމަތީ ފަރާތު ތިލަ ތަނުގައެވެ. އެއީ ތިނަދޫގެ އަލަށް ހިއްކި ސަރަހައްދެވެ.

ގދ. އަތޮޅުގެ ވެރިކަންކުރާރަށް ކަމަށްވާ ތިނަދޫއަކީ 117.5 ހެކްޓަރުގެ ބޮޑު ރަށެކެވެ. ތިނަދޫގައި 12،000 ގާތްކުރާ އަދަދަކަށް މީހުން އުޅެމުންދާ ކަމަށް ރަށު ކައުންސިލުން ބުނާއިރު، ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ.

comment ކޮމެންޓް