ވެލާނާ އެއާޕޯޓުން ފެނުނު 10،000 ޓާކާގެ ވެރިފަރާތެއް ހޯދަނީ

ޑިސެމްބަރ 17، 2020: ބަޔަކު ރާއްޖެ އައިސް ވެލާނާ އެއާރ ޕޯޓްގައި - ސަން ފޮޠޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެއިން ފެނުނު 10،000 ބަންގަލަދޭޝް ޓާކާގެ ވެރިފަރާތެއް ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ފައިސާ ފެނުނީ ނިމިދިޔަ މޭ މަހުގެ 19ގައި ކަމަށެވެ.

މި ފައިސާތަކުގެ ވެރިފަރާތް ހޯދަން މިއަދު ކުރި އިއުލާނުގައި ވަނީ އެ ފައިސާ ފެނުނީ އެއާޕޯޓުގެ ތައި އެކްސްޕްރެސް ފުޑް ކޯޓު ސަރަހައްދުން ކަމަށެވެ. އަދި އެ ފައިސާ އަޅައިފައި ހުރީ ޓިޝޫ ޕެކެެޓަކަށް ކަމަށް ފުލުހުން ބުންޏެވެ.

މި ޓިޝޫ އުރަ ފެނުނު ބަޔަކު އެ ގޮސް ހަވާލުކުރީ އެއާޕޯޓުގައި މަސައްކަތް ކުރާ ފުލުހުންނަށެވެ.

ފުލުހުން ވަނީ މި ފައިސާގެ ވެރިފަރާތެއްވާ ނަމަ އެއާޕޯޓު ޕޮލިހުގެ ނަންބަރު 9968024 އަށް ގުޅައި އެ ކަން އެންގުމަށާއި ފައިސާއާ ހަވާލުވާން އެއާޕޯޓު ޕޮލިސް ސްޓޭޝަނަށް އައުމަށް އެދިފައެވެ.

comment ކޮމެންޓް