ސިކުނޑިއާއި މައިބަދައަށް ދޭ ފަރުވާތަކާ ގުޅޭ ފަސްވަނަ ކޮންފަރެންސް 23 އޮކްޓޯބަރުގައި

ކޮންފަރެންސާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ސިކުނޑިއާއި މައިބަދައިގެ މައްސަލަތަކާއި ފަރުވާތަކާ ގުޅޭ ގޮތުން ވާހަކަދައްކައި މަޝްވަރާކުރުމަށް ބާއްވާ ބްރެއިން ސްޕައިން ކޮންފަރެންސްގެ ފަސްވަނަ ކޮންފަރެންސް އޮކްޓޯބަރު މަހުގެ 23އިން 26އަށް ބާއްވަން ނިންމައިފިއެވެ.

މި ކޮންފަރެންސަކީ އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ. އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވީ މި އަހަރު މި ކޮންފަރެންސް ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ކަމަށެވެ.

މި ކޮންފަރެންސްގައި މި ދާއިރާގެ ބަލިތަކާ ގުޅޭގޮތުން ރާއްޖޭގައި ކުރެވިފައިވާ ބައެއް ދިރާސާތަކާއި ބައިނަލްއަގްވާމީ ގޮތުން ކުރެވިފައިހުރި ދިރާސާތަކުގެ މައްޗަށް މަޝްވަރާކުރާނެއެެވެ.

"ވަރަށް ފަންނީ ކޮންފަރެންސެއް. އަދި މި ކޮންފަރެންސްގައި ދުނިޔޭގެ ތަފާތު ހިސާބުތަކުން ވަރަށް ގިނަ އަދަދެއްގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ. ބައިނަލްއަގްވާމީ ފެންވަރުގެ ޓީމެއް އަޅުގަނޑުމެންގެ ހުރިހާ ކޮންފަރެންސެއްގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފައި،" އައްފާލު ވިދާޅުވިއެވެ.

ކޮންފަރެންސާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އޭނާ ވިދާޅުވީ މި ކޮންފަރެންސްވާނީ މި ދާއިރާއާ ގުޅޭ ފަންނީ ތަޖުރިބާ ހިއްސާކުރުމަށް ރާއްޖޭގައި ބައިނަލްއަގްވާމީ ގޮތުން ބޭއްވޭނެ އެންމެ ބޮޑު އެއް ކޮންފަރެންސަށް ކަމަށެވެ.

އެގޮތުން މި އަހަރުގެ ކޮންފަރެންސްގައި ވެސް 200އާ ގާތްކުރާ އަދަދަކަށް ބައިވެރިން ބައިވެރިވާނެކަމަށް ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ތެރެއިން ލައިވްކޮށް ސާޖަރީއެއް ކުރާ މަންޒަރު ވެސް ދައްކާނެއެވެ. އެއާއެކު ކިޔަވާ ކުދިންނަށް ޑޮޮކްޓަރުންނާ ސުވާލުކުރުމާއެކު އަމަލީ ގޮތުން ކުރާ މަސައްކަތް ބެލުމުގެ ފުރުސަތު ފަހިވާނެކަމަށް ވެސް އައްފާލު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑަށް ދަންނަވާލަން ކެރޭ، ސައިންޓިފިކް ފެންވަރުގައި ކޮންމެ އަހަރަކު އެއްފަހަރު ބޭއްވޭ އެންމެ ބޮޑު އެކެޑަމިކް ކޮންފަރެންސަކީ ބްރެއިން ސްޕައިން މޯލްޑިވްސްކަން،" އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ކޮންފަރެންސް އޮންނާނީ ވިލާ ނޯޓިކާގައެވެ. މި ކޮންފަރެންސްގެ ޕާޓްނަރުންގެ ތެރޭގައި ވޯލްޑިވްސް ހިމެނެއެވެ.

މިހާރު މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައެެވެ. ކޮންފަރެންސްއާ ގުޅޭ އިތުރު މައުލޫމާތާއި ރަޖިސްޓަރުކުރުމުގެ ކަންކަން އެ ކަމަށް ޚާއްސަ ވެބްސައިޓު މެދުވެރިކޮށް ކުރެވޭނެއެވެ.

comment ކޮމެންޓް