ފިލްމީ މަސައްކަތަށް އެނބުރި ނިކުންނަން އަދިވެސް ތައްޔާރެއް ނޫން: އާމިރު ޚާން

ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް އެކްޓަރު އާމިރު ޚާން ދާދިފަހުންވަނީ ފިލްމީ މަސައްކަތުން 'ބްރޭކް'އެއް ނަގާފައިވާކަމަށް ބުނެފައެވެ. އޭގެފަހުން އާމިރު ޚާން ބައިވެރިވާ ކޮންމެ އިވެންޓެއްގައިވެސް ނޫސްވެރިން ގިނައިން ކުރިމަތިކުރުވާ ސުވާލަކީ އެކްޓަރު އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނާނީ ކޮން ދުވަހަކުންތޯއެވެ.

ދާދިފަހުން ރިލީޒްކުރި ޕަންޖާބީ ފިލްމު "ކެރީ އޮން ޖައްތާ3"ގެ ޓްރެއިލާ އިވެންޓުގައި ނޫސްވެރިން ކުރިމަތި ކުރުވު ސުވާލުތަކަށް ޖަވާބުދެމުން އެކްޓަރު ބުނެފައިވަނީ ފިލްމީ މަސައްކަތްތަކަށް އެނބުރި އައުމާބެހޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

މިވަގުތު އެންމެ މުހިއްމު އިސްކަމެއްދެނީ އާއިލާއާއެކު ވަގުތު ހޭދަކުރުން ކަމަށާއި އޭގެ ސަބަބުން ހިތަށް އުފާވެރިކަން ގެނެސްދޭކަމަށް އާމިރު ޚާން ވަނީ ބުނެފައެވެ. އަދި މި ވަގުތު ބޭނުންވާ އެންމެ މުހިއްމުކަމަކީ އަމިއްލަ ނަފުސަށް ވެސް ހިތްހަމަޖެހުން ލިބޭނެފަދަ މަސައްކަތްތައް ކުރުންކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނާނީ ސިކުނޑިއަށް ލުޔެއް ލިބި ނަފްސާނީގޮތުން މީހާ ދުޅަހެޔޮވުމުން ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ.

އާމިރު ޚާން އެންމެފަހުން ފެނިފައިވަނީ މިދިޔައަހަރު ރިލީޒްވި ފިލްމު "ލާލް ސިންގް ޗައްދާ"އިންނެވެ. ބަތަލާ ކަރީނާ ކަޕޫރާއެކު އާމިރު ޚާން ލީޑްރޯލް ކުޅެފައިވާ މި ފިލްމު އުއްމީދުކުރިގޮތާ ޚިލާފަށް ބޮކްސް އޮފީހުގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ. ފިލްމަށް މާބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ލިބިފައިނެތުމުން ފިލްމު ގެނެސްދިން ކުންފުނިން ވަނީ ޑިޖިޓަލް ޕްލެޓްފޯމް ނެޓްފްލިކްސްއަށް ފިލްމު ދޫކޮށްލާފައެވެ. އޭގެފަހުން އާމިރު ޚާން ވަނީ މިދިޔަ އަހަރު ރިލީޒްވި ބަތަލާ ކާޖޮލްގެ ފިލްމު "ސަލާމް ވެންކީ"އިންވެސް ފެނިފައެވެ.

comment ކޮމެންޓް