ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް އަމީން ހަމަޖައްސައިފި

ރައީސް ޔާމީންގެ ކެންޕެއިން މެނޭޖަރަށް ހަމަޖެއްސި މުޙައްމަދު އަމީން -- ފޮޓޯ/ ޕީޕީއެމް

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް މުޙައްމަދު އަމީން ހަމަޖައްސައިފިއެވެ.

މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމު ކުރިން އަދާކުރެއްވި އަމީނަށް މި މަސްއޫލިއްތުގެ ލިޔުން ހަވާލުކުރީ އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. ޔާމީންގެ ޑެޕިއުޓީ މެނޭޖަރަކީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ރައީސް ޔާމީންގެ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރަށް ހަމަޖެއްސި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް -- ފޮޓޯ/ ޕީޕީއެމް

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ނިންމައި ވަނީ ރިޔާސީ ޓިކެޓް އެ މަނިކުފާނާ ހަވާލުކޮށްފައެވެ. ނަމަވެސް އެމަނިކުފާނު މި ވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލާގައި, ރައީސް ޔާމީން ޖުމުލަ 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25ގައެވެ. މިހާރު އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

comment ކޮމެންޓް